ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތަށް، ހަފްތާގެ ކޮންމެ ހޯމަ ދުވަހެއްގައި އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު، މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ފައްޓަވާދެއްވައި، ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް ވިދާޅުވެފައިވަނީ މާރިޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަފްތާގެ ކޮންމެ ހޯމަ ދުވަހެއްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ:
”މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން.“ މިފަދައިންނެވެ.
އެދުވަހަށްފަހު ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް އެމަނިކުފާނު އަންނަނީ ނޫސްވެރިންނާ ބައްދަލު ކުރައްވަމުންނެވެ.
ނަމަވެސް މިއަދު އެ ބައްދަލުވުން ނުބޭއްވިފައިވުމުން ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
އެކަމާ ބެހޭގޮތުން ހީނާ މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން 1 މާރިޗް 2026 ން ފެށިގެން ކަނޑައަޅުއްވާފައިވާ އުސޫލުގެ މަތިން ގަވާއިދުން ކުރިއަށްގެންދަވާނެ ކަމަށެވެ.
އަދި، ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުސޫލާ އެއްގޮތްވާގޮތުގެ މަތިން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭގޮތް ދަންނަވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.



