މާލޭގެ އާ ސަހަރާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލުން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.
ސަހަރާގެ މިހާރު ނުނިމި ހުރިހައި މަސައްކަތެއް ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުޠުކޮށް، މަސައްކަތް ހަވާލުކުރި އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. މާލެ ސިޓީ ކައުންސިލާއި، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު މިއެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މުހައްމަދު އައިމަން އެވެ. އަދި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ. އާ ސަހަރާގެ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށެވެ.
އާ އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ނިންމުމަށް މިދިޔަ އަަހަރުގެ ޑިސެމްބަރު މަހު ބީ ސިކްސް ކޮންސްޓްރަކްޝަނާ ނަމަކަށް ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.
އާސަހަރާ ގެ މަސައްކަތްކުރިޔަށް ގެންދަން ބަންދުކޮށްފައިވާތީ ކަށުކަމާކެމީގެ ކަންތައް ހުއްޓާލައި، މިހާރު މާލޭގައި ނިޔާވާ މީހުން ވަޅުލަމުންދަނީ ހުޅުމާލެ ސަހަރާގައެވެ.
އާސަހަރާ ތަރައްގީ ކުރުމަށް މާލެ ސިޓީ ކައުންސިލުން ބަޖެޓްކޮށްފައިވަނީ 4.9 މިލިއަން ރުފިޔާ އެވެ.



