މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އިނގިރޭސިވިލާތުން ނިންމުމުން ރާއްޖެއިން މިއަދު އެކަމަށް ތާއީދުކޮށް މަރުހަބާ ކިޔައިފިއެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން އަސްކަރީ މަރުކަޒެއް ހިންގާ ފޯޅަވަހި ހިމެނޭ ޗާގޯސް އަތޮޅުގެ މައްޗަށް އޮތް އިސްތިއުމާރީ ބާރު ދޫކޮށްލައި އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން އެމެރިކާގެ ރުހުމާ އެކުގައި ނޫނީ ކުރިއަށް ނުގެންދާ ގޮތަށް އިނގިރޭސިވިލާތުން ނިންމައި، އެކަން ވަނީ މިދިޔަ ހަފުތާގައި މަޑުޖައްސާލާފައެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޗާގޯސްގެ މުސްތަގްބަލާއި އެތަން ހިންގުމާ މެދު ރާއްޖެއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ނިންމުމަކީ އެކަމާ ގުޅޭ މަޝްވަރާތައް އާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ރާއްޖެއިން ބުންޏެވެ.
އެ ބަޔާނުގައިވަނީ ރާއްޖޭގެ ހައްގުތަކަށް އިހުތިރާމްކޮށް، ސަރަހައްދީ ހަމަޖެހުމަށް އިސްކަންދީ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އިންޑިއާ ކަނޑުގެ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިނގިރޭސިވިލާތަށް ގޮވާލާ ކަމަށެވެ.



