ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޝާމިން ޙަބީބު މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.
މިއަދު ކުރެންދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޝާމިން ހަބީބު ޕީއެންސީއަށް ސޮއި ކުރެއްވިއިރު، އޭނާގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ޝާމިން ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް އާދަމް ތައުފީގާއި، މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޔާޒް އާއި ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. ޝާމިން އަށް 741 ވޯޓް ލިބިވަޑައިގެންނެވި އިރު، ޕީއެންސީގެ ކެންޑިޑޭޓަށް 547 އަދި އެމްޑީޕީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 250 ވޯޓެވެ.
އިންތިޚާބުގައި ޝާމިން އަމިއްލަ ގޮތުން ވާދަކުރެއްވި އިރު، މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރެންދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން އަންނަ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމްވެސް އަމިއްލަގޮތުން ވާދަކުރެއްވި އެވެ. އަދި އެމްޑީޕީން ކުރިމަތިލެއްވީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. މިދެ މެންބަރުންނާއި ވާދަކުރައްވައި ޝާމިން އިންތިޚާބު ކާމިޔާބުކުރެއްވުމުން ޝާމިންއަށް ކުރެންދޫ ދާއިރާއިން އޮތް ތަރުހީބު ވަޒަން ކުރެވެއެވެ.

ޝާމިންް ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދުވަނީ 74 އަށް އަރާފަ އެވެ. އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރެއްވި އިތުރު ހަތް ބޭފުޅަކުވެސް މީގެކުރިން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
ޝާމިން ޕީއެންސީއަށް ސޮއިކުރެއްވުމަށް މިއަދު ބޭއްވި ހަފުލާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ޕީޕީއެމް ޕީއެންސީގެ އިސް ވެރިންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.




