އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރެއް ގެއްލިގެން އެ ޤައުމު ގެ އަސްކަރީ ޓީމުތަކުން އެ ހެލިކޮޕްޓަރު ހޯދުމައް ކުރާ މަސައްކަތް އަވަހަށް ކާމިޔާބު ވުމަކީ ދިވެހިންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމްދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އީރާނުގެ ރައީސަ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ދިމާވި ހާދިސާއާއި ގުލިގެން ކަންބޮޑުވުން ފާޅު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ޙަބަރު އެއްސެވީ ފުން ހިތާމައާއިއެކުގައި ކަމަށާއި، ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި ހުރިހާ ފަރާތްތައްވެސް އަވަހަށް ސަލާމަތާއި ރައްކާތެރިކަމާއި އެކު ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އީރާނުގެ ރައީސް ރައީސީ އަދި އެ ޤައުމުގެ ފޮރިން މިނިސްޓަރު ހޮސެއިން އަމީރު-އަބްދޮއްލާހިއަން ދަތުރު ކުރައްވަމުން ދިޔަ ހެލިކޮޕްޓަރެއް އެކްސިޑެންޓުވެ ގެއްލިފައިވަނީ ރޭގެ ވަގުތެއްގައެވެ.
ބޭރުގެ ބައެއް މީޑިއާ ރިޕޯޓު ތަކުން ބުނާގޮތުން މި ހެލިކޮޕްޓަރު ދަތުރު ކުރަމުން ގެންދިޔައީ އާޒަރްބައިޖާނުގެ ފަރުބަދަމަތީ ސަރަހައްދަކުންނެވެ. އަދި މި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތްތައް ކުރުމަށް ޓީމުތަކެއް ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް މޫސުން ގޯސްވުމާއި ގުޅިގެން އެކަމުގައި ގޮންޖެހުން ތަކެއް ހުރި ކަމަށް އީރާނުގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދައް ބޯކޮށް ވާރޭ ވެހި ކިސަޑު ހެދިފައިވާކަމަށް ވެސް ރިޕޯޓު ތަކުން ބުނެއެވެ.
މި ހާދިސާއާއި ގުޅިގެން އީރާނުގެ ދައުލަތުގެ ޓީވީއިން އާންމު ޕްރޮގްރާމުތައް ދެއްކުން މެދުކަނޑާލާ، ރައީސީގެ ފުރާނަފުޅު ސަލާމަތްވޭތޯ އީރާނުގެ ޢާންމު ރައްޔިތުން ދުޢާ ކުރާ މަންޒަރު ވަނީ ދައްކަން ފަށާފައެވެ. އަދި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި އަސްކަރީ ޓީމުތަކުން ހަރަކާތްތެރިވާ މަންޒަރުތައްވެސް ދައުލަތުގެ ޓީވީއިން ދަނީ ދައްކަމުންނެވެ.
އީރާނުގެ ޤާނޫނުއަސާސީ ބުނާގޮތުން ކުއްލި ހާލަތެއްގައި އެ ޤައުމުގެ ރައީސް އަވަހާރަވެއްޖެނަމަ ރައީސް ކަމުގެ މަޤާމާއި ހަވާލުވާނީ ނައިބު ރައީސް އެވެ. ނަމަވެސް ނައިބު ރައީސް އަށް މަޤާމުގެ ހުވާ ކުރެވޭނީ އެ ޤައުމުގެ ރޫހާނީ ލީޑަރު އަލީ ހުމައިނީގެ ރުހުމާއިއެކު ކަމަށްވެސް އީރާނުގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވެއެވެ.




