މިނިސްޓްރީ އޮފް ޑިފެންސްގެ ހުއްދަނެތި، ދިވެހި ރާއްޖޭގެ އެއްވެސް ސަރަަހަދެއްގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) އަރުވައިފި ނަމަ ފިޔަވަޅު އަޅާނެކަމަށް އެވުޒާރާއިން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ ކޮންމެ ދިމާއެއްގައި ޑްރޯން އަރުވަން ބޭނުންވި ކަމުގައިވިއަސް އެ މިނިސްޓްރީގެ ހުއްދަ ހޯއްދަވައިގެން އެކަން ކުރުމަށް އެދޭކަމަށެވެ. އަދި، ހުއްދަ ނުހޯދާ ޑްރޯން އަރުވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ޑިފެންސް އިން ބުނެފައި ވެއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، ހުއްދަ ނުހޯދާ އުދުއްސާ ޑްރޯންތަކާމެދު އެވުޒާރާއިން އަޅާ ފިޔަވަޅަކާއި ގުޅިގެން އެތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ ނުނަގާނެކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއަރޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ނުވަތަ ޑްރޯން އުދުއްސާކަން ފާހަނގަކުރެވިފައި ވާކަމަށެވެ. އަދި، މިކަމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ ކަމަކަށްވާތީ، ޑްރޯން އުދުއްސުމުގެކުރިން އެ ވުޒާރާއިން ހުއްދަ ހޯދުމަށް މީގެކުރިންވެސް އާންމުކޮށް އަންގާފައިވާނެކަމަށެވެ.
ޑްރޯން އުދުއްސުމުގެ ހުއްދަ ހޯދުމަށް އެދި ފޯމު ހުށަހަޅާއިރު، ރަސްމީ ބަންދުނޫން 3 ދުވަސްކުރިން ހުށަހެޅުމަށް މިނިސްޓްރީން އެދިފައި ވެއެވެ.
ފަހަކަށް އައިސް ރާއްޖޭގެ މީޑީއާތަކުންނާއި، މާކެޓިން އޭޖެންސީތަކާއި ރިސޯޓްތަކުގެ އިތުރުން، އަމިއްލަ ފަރުދުންވެސް އަމިއްލަ ބޭނުންތަކަށް ޑްރޯން އުދުއްސައެވެ.



