ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން ގެއްލިގެން ހޯދި މީހާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އެ ރިސޯޓުގެ ދޯނީގައި މަސައްކަތްކުރާ އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ މުޙައްމަދު ސަވަން އެވެ.
އިއްޔެ ހެދުނު ކަޔަކް އެއްގައި މޫދަށް ފޭބި އެމީހާގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ސަވަން ފެނިފައި ވަނީ މިއަދުގެ 09:25 ހާއިރު ގއ. ރެސިޑެންސް މޯލްޑިވްސް ރިސޯޓްގެ މޫދުން އެ ރިސޯޓްގެ މުވައްޒަފުންނަށެވެ.
ފުލުހުން ބުނީ، އޭނާ ފެނުނުއިރު، އޭނާގެ ހާލު ރަނގަޅުކަމަށެވެ. އަދި، އޭނާ މަސައްކަތްކުރާ ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ރެސިޑެންސް މޯލްޑިވްސް ރިސޯޓުން މިހާރު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސަވަން ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ދިޔައީ ކުރަމުންނެވެ.


