ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ފުއްޕާމޭގެ އާލާސްްކަންފުޅަކަށް ފަރުވާ ހޯއްދަވަން ފަށްޓަވައިފި އެވެ.
ސައުދީގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާގޮތުގައި ރަސްގެފާނު ފަރުވާ ހޯއްދަވަނީ ފުއްޕާމެއަށް އިންފެކްޝަންއެއް ޖެހިގެންނެވެ. އިންފެކްޝަނެއް ހުރިކަން ހާމަވީ، އެމަނިކުފާނަށް ހުންޖެހި ހުޅުހުޅުގައި ރިއްސާތީ، އަލް ސަލާމް ގަނޑުވަރުގެ ކްލިނިކްތަކުން ހެެއްދެވި ތަހުލީލުތަކުންނެވެ.
ސައުދީ ޝާހީ ރަސްކަމުގެ ދަރުބާރުން ރަސްގެފާނުގެ ސިއްހީ ހާލުކޮޅު ހާމަކޮށްދެއްވުމަށް ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ އިއްޔެ ހުރިހައި ތަހުލީލުތަކެއް ނިންމަވާފައިވާކަމަށާއި، މިހާރު ފުއްޕާމޭގެ އިންފެކްޝަނަށް ފަރުވާގެ ޕްރޮގްރާމެއް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން އާލާސްކަންފުޅު ރަނގަޅުވަންދެން ފަރުވާ ހޯއްދަވާނެކަމަށާއި، ފަރުވާގައި އެންޓިބަޔޮޓިކްސް ބޭނުންކުރާކަމަށް ބުނެފައި ވެއެވެ. ރަސްގެފާނު ފަރުވާ ހޯއްދަވަނީ ޖިއްދާގައި ހުންނަ އަލް ސަލާމް ގަނޑުވަރުގައި ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ރަސްގެފާނު އެންމެ ފަހުން އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ހޮސްޕިޓަލެއްގައި އެނދުމަތި ކުރެއްވީ މިދިޔަ އެޕްރީލްމަހުގެ ތެރޭގައެވެ. އެ ފަހަރު އެނދުމަތި ކުރެއްވީ އާދައިގެ މަތިން ތަހުލީލުތަކެއް ހެއްދެވުމަށްޓަކައިކަމަށް އޭރު ޝާހީ ދަރުބާރުން ވިދާޅުވެފައި ވެއެވެ.
އުމުރުން 88 އަހަރުފުޅުގެ ސަލްމާން ރަސްކަމުގެ ތަޚުތައް ވެޑުވިވަޑައިގަތީ 2015 ވަނަ އަހަރު އެވެ. ތަޚުތައްވެޑުވި ވަޑައިގެންނެވިއިރު، އެމަނިކުފާނު ހުންނެވީ ބޮޑުވަޒީރުގެ ނައިބު ކަމުގަ އެވެ.



