އިރާނުގެ ރައީސް ޑރ. ސައްޔިދު އިބްރާހިމް ރައީސް އަވަހާރަވުމުގެ ހިތާމައިގައި އެގައުމުގެ ގައުމީ ދިދަ ފަސް ދުވަހުގެ މުއްދަތަކަށް ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ނިންމައިފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނާގޮތުގައި، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚަމަނާއީ، މިއަދު ވަނީ ގައުމީ ހިތާމައިގެ ފަސް ދުވަސް ކަނޑައަޅުއްވައި، ގައުމީ ދިދަ ފަސްދުވަހަށް ބައި ދަނޑިއަށް ތިރިކޮށްފައި ބެހެއްޓެވުމަށް ނިންމަވާފަ އެވެ. މީގެ އިތުރުން ގައުމުގެ ވެރިކަމުގެ ބާރުގެ ވަގުތީ އިސްވެރިޔަކަށް އެގައުމުގެ ނައިބުރައީސް އެއްވަނަ މުޙައްމަދު މަޚްބަރު އައްޔަންކުރައްވަން ވަނީ ހުއްދަ ދެއްވާފަ އެވެ.
ޚާމަނާއީ ވަނީ ރައީސީއާއި އަވަހާރަވުމާއި ގުޅިގެން އީރާނުގެ ހުރިހާ ރައްޔިތުންނަށް ތައުޒިޔާވެސް ފޮނުއްވާފަ އެވެ.
އިރާނުގެ ޤާނޫނު އަސާސީގެ 131ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުންނަމަ، އީރާނުގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކު އަވަހާރަވުމުން، 50 ދުވަހުގެތެރޭގައި އިންތިޚާބެއް ބާއްވާ އާ ރައީސަކު އައްޔަން ކުރަން ޖެހެއެވެ. އެހެންކަމުން ވަގުތީ ގޮތުން ވެރިކަމަށް ހަވާލުވެ ވަޑައިގެންނެވި ބޭފުޅާއާއި، ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި، އަދުލު އިންސާފުގެ ނިޒާމުގެ އިސްވެރިޔާ ހިމެނޭގޮތަށް އެކުލަވާލާ ކައުންސިލަކުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސަކު އައްޔަންކުރުމަށް އިންތިޚާބު ރާވައި ހިންގަން ޖެހޭނެއެވެ.
އީރާނުގެ ރައީސް އިބްރާކިމް ރައީސީ އަވަހާރަވީ އަވަށްޓެރި އަޒަރުބައިޖާނަށް ކުރެއްވި ޒިޔާރަތަކަށްފަހު، އެނބުރި ގައުމަށް ވަދައިގަތުމަށް ކުރެއްވި ދަތުުރުފުޅުގައި އެމަނިކުފާނު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގަ އެވެ. އެމަނިކުފާނު އަވަހާރަވީކަން އެގައުމުން އިއުލާނުކޮށްފައިވަނީ މިއަދުގެ ހެންދުނުގެ ވަގުތެއްގަ އެވެ.




