ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަން ތަކުގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
އެ އިދާރާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ދިވެހި ފުލުހުންކުރަމުން އަންނަ މަސައްކަތް ހާމަކޮށްދެއްވުމަށް ފުލުހުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ފާއިތުވެ ދިޔަ ހަމަދުވަހުގެތެރޭގައި، މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށެވެ. އަދި، އެމުއްދަތުގައި، ވައްކަމުގެ އެކި މައްސަލަތަކުން ހަތަރު މިލިއަނެއްހައި ރުފިޔާ އަނބުރާ ހޯދާފައިވާއިރު، ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ބުނެފައި ވެއެވެ.
ހަމަ އެހެންމެ ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށް ދެމުންދާ އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން 905 ހަރަކާތް މުޅި ރާއްޖޭގައި ހިންގާފައިވާއިރު ރައްޔިތުންނަށް ހާއްސަކޮށްގެން 525 ޕްރޮގްރާމް ހިންގާފައިވާކަމަށާއި، މީގެ ތެރޭގައި ކުށުން ރައްކާތެރިކުރުވުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިމެނެކަމަށް ބުނެފައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ޖިނާއީ ތަހުގީގު ކުރުމަށް ބަލާއިރު، ކާމިޔާބު މަސައްކަތްތަކެއްވަނީ ކޮށްފައިވާކަން ލިޔުމުގައި ފާހަނގަކޮށްފައި ވެއެވެ. އެގޮތުން، މި މުއްދަތުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 554 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާޚަމަށާއި، އަދި ކުރިން ތަހުގީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި ހުކުމްތައް ކޮށްފައިވާއިކަމަށް ބުނެފައި ވެއެވެ. އަދި މި މުއްދަތުގައި އެކި މައްސަލަތަކުގައި 3691 މީހުން ހައްޔަރުކޮށްފައިވާކަންވެސް ބަޔާންކޮށްފައި ވެއެވެ.




