ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުންކުރެވޭގޮތައް އުރީދޫއިން ރޯމިންގ ސިމެއް ތައާރަފުކޮށްފި އެެވެ.
”ސައުދީ ޕާސްޕޯޓު“ގެ ނަމުގައި އުރީދޫއިން މިއަދު ތައާރަފު ކުރި މިސިމް ވިއްްކަން ނިންމާފައިވަނީ އެއްހާސް ރުފިޔާ އަށެވެ.
އުރީދޫއިން ބުނީ، ހައްޖާއި އުމްރާއަށްދާ ފަރާތްތަކަށް ސައުދީއަށް ފުރުމުގެ ކުރިން މި ސިމް ގަނެވޭނެކަމަށާއި، ސައުދީ އެއާރޕޯޓަށް ފައިބާ ފޯނަށް ސިމް ލެއްވުމުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެކަމަށެވެ. މިއީ، 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި ލިބުން އަދި 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެއްކަމަށާއި، މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99ރ ގެ މަގުންކަމަށް އުރީދޫއިން ބުނެއެވެ.
މި ސިމް ތައާރަފްކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު އުރީދޫއަށް ތައުރީފު ކުރައްވައި ވިދާޅުވީ، އުރީދޫ މޯލްޑިވްސްގެ ސަޢޫދީ ޕާސްޕޯޓް ޓްރެވަލް ސިމް ތަޢާރަފްކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މީގެ ސަބަބުން ހައްޖާޖީންނަށާއި، އުމްރާވެރިންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދޭ. އުރީދޫ މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން.“ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ބެޗު ފުރަން ހަމަޖެހިފައިވަނީ 31 މެއި ވާ ހުކުރު ދުވަހުއެވެ. އެމީހުން ފުރުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައި ވެއެވެ. ހައްޖަށް ފުރާ މީހުންނަށް އުރީދޫން މިއަދު ތައާއަފްކުރި ސިމް ގަނެވޭނެއެވެ.




