ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއ ގުޅިގެން ކުރިޔަށް އޮތް 3 ދުވަހުވެސް އުތުރާއި މެދު ރާއްޖެތެރެ ސަރަހައްދަށް އާންމުކޮށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، މި މުއްދަތުގެތެރޭގައި އެ ސަރަހައްދަށް އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ ދިޔަވރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުންވެސް އެކަށީގެންވާކަމަށެވެ.
އުތުރާއި މެދު ރާއްޖެތެރޭ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ، އެންމެހައި ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުަރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންއެމްޑީއޭ) އިންވެސް ވަނީ މޫސުމީ ހާދިސާތަކުގައި ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެއިދާރާއިން ވަނީ އާންމު ރައްޔިތުން ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި އަމަލުކުރާނެ އިރުޝާދުވެސް ދީފައެވެ.
މޫސުމީ އިރުޝާދު:
- ވާރޭވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުން.
- ގެއަށް ފެން ނުވަންނާނޭހެން ރައްކާތެރި ފިޔަވަޅު އެޅުން، މިގޮތުން ގޭގެ ދޮރުމަތީ ވެލި ބަސްތާފަދަ ތަކެތި ޖެހުން.
- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެންނުޖެހޭ ފަދަ އުސްތަންތަންނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުން އަސަރު ނުފޯރާނޭ ތަނަކަށް ބަދަލުކުރުން.
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ، ކުރިޔާލާ ވައުފަދަ އެއްޗެެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން.
- ގަދަ ވައިގެ ސަބަބަުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން.
- ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
- ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުވާޞަލާތީ ނިޒާމު ފުރިހަމަކަން ޔަގީން ކުރުން.
މުސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވެ އިއްޔެ ހަވީރު 18:30 އިން ފެށިގެން ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމަޔަށް މޫސުމީ އިންޒާރު ނެރެފައެވެ. އެއަތޮޅުތަކުގެ މޫސުން ދިރާސާކޮށް ރީނދޫ ސަމަލު އިއްޔެ ހަވީރު ނެރެފައިވާއިރު، އެ ސަމާލު މިހާރު އޮތީ މިއަދު ހަވީރު 18:30 އާ ހަމަޔަށް ދަންމާލާފަ އެވެ.



