ލ. ގަމުގެ އޮޑިފަހަރުތަކުގެ ފަޅުވެރިންނަށް ދަތުރުކުރުމުގައި ސަމާލުވާންޖެހޭ ކަންކަމުގެ މައުލޫމާތު ދީފި އެވެ.
ފުލުހުން ބުނީ، މި ދުވަސްވަރަކީ މޫސުންގޯސް ދުވަސްވަރަކަށްވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން، ލ. ގަމު އޮޑިދޯނި ފަހަރުގައި މަސައްކަތްކުރާ މީހުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ގަން ޕޮލިސް ސްޓޭޝަނުން މިއަދު ކުރިޔަށް ގެންގޮސްފައިވާކަމަށެވެ.
މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އޮޑިދޯނި ފަހަރުގައި މަސައްކަތްކުރާ މީހުންނާ ބައްދަލުކޮށް، ކަމާގުޅޭ އިދާރާތަކުން އަންގާ އެންގުންތަކަށް އަމަލުކުރުމަށާއި، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް އިރުޝާދު ދީފައިވެއެވެ. އަދި ދަތުރުކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އޭގެ އިތުރުން ދަތުރުމަތީގައި ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރަންވީ ގޮތާއި އޮޑިދޯނި ފަހަރުގައި ސަލާމަތީގޮތުން ހުންނަންޖެހޭ ތަކެއްޗާއި އެ ތަކެތީގެ ބޭނުން ބުނެދީ، ހާދިސާއެއް ދިމާވެއްޖެ ހާލަތުގައި ގުޅާނެ ނަންބަރުތައް ހިއްސާކޮށްފައިވާނެކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.



