މޫސުމާއި ބެހޭ ގައުމީ އިދާރާއިން އުތުރާއި މެދުރާއްޖެތެރެ ހިމެނޭހެން 6 އަތޮޅަކަށް އޮރެންޖް އެލާޓް ނެރެފި އެވެ.
އެއިދާރާއިން އޮރެންޖް އެލާޓްނެރެފައިވަނީ ބ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމަޔަށެވެ. އިއްޔެ ހަވީރު 18:30 އިން ފެށިގެން މިއަތޮޅުތަކަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ. އެ އެލާޓްތައް ރިވައިޒްކޮށް 17:30 އިން ފެށިގެން 20:30 އާ ހަމަޔަށް އެ ސަރަހައްދުތަކަށް މިހާރު ވަނީ އޮރެންޖް އެލާޓް ނެރެފައެވެ. އުތުރުގެ އެެހެން އަތޮޅުތައް އަދިވެސް އޮތީ ޔެލޯ އެލާޓްގައެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ ، އެލާޓްނެރެފައިވާ މި ގަޑިތަކުގައި މި 6 އަތޮޅަށް، ގަޑިއަކު 36 މޭލާއ 42 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރިޔަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން، އެ ސަރަހައްދަށް އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ ދިޔަވރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުންވެސް އެކަށީގެންވާކަމަށް ބުނެފައި ވެއެވެ.
މެޓް އޮފީހުން ވަނީ، އެންމެހައި ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުަރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންއެމްޑީއޭ) އިންވެސް ވަނީ މޫސުމީ ހާދިސާތަކުގައި ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.




