ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ’ބޭންކް ފަންޑް‘ ތައާރަފްކޮށްފި އެވެ.
ދެމެހެއްޓެނެވި އިޖުތިމާއި ޕްރޮގްރާމް ހިންގާ ޖަމިއްޔާ ތަކަށް އަމާޒުކޮށް ބޭންކުން މިއަދު ތައާރަފުކުރި ’ބޭންކް ފަންޑް‘ ގެ ދަށުން ކޮންމެ އަހަރަކުވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ، މުޖުތަމައު ގައި ހިންގަމުންދާ މުހިންމު ހަރަކާތްތަކަށް ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔާތުން އެބޭންކުން އިންވެސްޓްކުރަމުން އަންނަ ކަމަށެވެ. އެގޮތުން 2019 އިން ފެށިގެން އެބޭންކުން ކުރިޔަށްގެންދިޔަ ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ސްޓުމްކަ ފާހަނގަކުރެއްވި އެވެ.
”މިއަދު އަޅުގަނޑުމެން މި ތައާރަފްކުރި ބޭންކް ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި އަލުގަނޑުމެން ކުރިން ދެމުންދިޔަ ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަކަމާއެކު ފަށާ ފަންޑެއް.“ ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލް އިން މިއަދު ވަނީ ’ބޭންކް ފަންޑް‘ އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. ފުރުސަތު ދެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މިފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖޫން 2024 ގެ ރޭގަނޑު 11:00 އެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް bankfund@bml.com.mv އަށް ހުށަހަޅޭނެއެވެ.



