މާލެއަށް މޫސުން ގޯސްވެފައިވާތީ ސިނަމާލެ ބްރިޖްއިން ދަތުރުކުރާއިރު، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ދަތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ، މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރާކަމަށެވެ. އަދި، ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އަޅައިގެން ދަތުރުކުރުމަށް އެދިފަ އެވެ.
މީގެ އިތުރުންވެސް، ދަތުރުކުރާއިރު އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްގެން އުޅަނދު ދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލެއަށް މޫސުން ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަކަމުންނެވެ. މޫސުމާއި ބެހޭ އިދާރާއިން މިރޭ އިރުއޮއްސުނުއިރު އޮރެޖް އެލާޓް ނެރުނެވެ. އަދި އެލާޓް ރިވައިޒްކޮށް މިހާރު ވަނީ މިރޭ ދަންވަރު 00:30 އާ ހަމަޔަށް ޔެލޯ އެލާޓް ނެރެފަ އެވެ. މެޓް އޮފީހުން ބުނީ ކުއްރިޔަށް އޮތް ތިން ދުވަހުވެސް މާލެ ސަރަހައްދަށް މޫސުން ގޯސްވާނެކަމަށެވެ. ވިއްސާރައިގައި މާލެ ސަރަހައްދަށް އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ވަނީ، އެންމެހައި ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުަރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އެއިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.




