ރޭގަނޑު ކަނޑު ދަތުރު ނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ، މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކޮށް ގުގުރާ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީއާއި، އަދި ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާކަމަށެވެ.
ކޯސްޓްގާޑުން ވަނީ ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފައި ވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިހާރުވެސް ހއ އިން ފެށިގެން ތ އަތޮޅާއި ހަމަަޔަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ. މޫސުމާއި ބެހޭ އިދާރާއިން ބުނީ ، މި އަތޮޅަށް، ގަޑިއަކު 28 މޭލާއ 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ، އެންމެހައި ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުަރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިންވެސް ވަނީ މޫސުމީ ހާދިސާތަކުގައި ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.




