ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން، ބ އަތޮޅުން ފެށިގެން ވ އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓެއް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު އޮރެންޖު އެލާޓް ގައި ބުނެފައި ވަނީ ބ އަތޮޅުން ވ އަތޮޅަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑު ވަރަށް ބޮޑަށް ގަދަވާނެ ކަމަށެވެ. މި އެލާޓް ނެރެފައި ވަނީ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށެވެ.
ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ނެރުނު މި އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 6:00 އިން 9:00 އަށް ނެރެފައިވާ އެލާޓް އިތުރަށް ދެމެހެއްޓުމުގެ ގޮތުންނެވެ.
މާލެ ސަރަހައްދަށް މިއަދު ހެނދުނުވެސް ވަރަށް ބޮޑަށް މޫސުން ގޯސް ވެފައިވާއިރު، އަދި މި ސަރަހައްދު ހިމެނޭހެން ބ އިން ވ އަތޮޅަށް އޮރެންޖު އިންޒާރު ނެރެފަައިވާއިރު، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އިންޒާރުވެސް ވަނީ ނެރެފައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނީ، އެ ސަރަހައްދުތަކަށް ރީނދޫ އެލާޓް ނެރެފައި ވަނީ ހަވީރު 06:30 އާ ހަމައަށް ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ނުހަނު ބޮޑަށް މޫސުން ގޯސްވެ، ރަށްރަށުގެ ގޭގޭގެ ފުރާޅު އެއްލައިލުމާއި، ގަސްތައް ވެއްޓުން ފަދަ ހާދިސާތައް އިތުރުވަމުންދާ މިދަނޑިވަޅުގައި، ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑުދަތުރު ނުކުރުމަށްވެސް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. މޫސުން ރަނގަޅު ވަންދެން ދަތުރުތައް މަޑުޖައްސާލުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ކުރުމުގައި ސަމާލުކަން ދިނުމަށްވެސް ދަނީ އިލްތިމާސްކުރަމުންނެވެ.



