ދިވެހި ގައުމު އޮތީ ވަރަށް ބޮޑަށް ދަރާފައިކަމަށާއި މުޅި ދުނިޔޭގައިވެސް ރާއްޖެއާމެދު މާޔޫސް ނަޒަރަކުން ނޫން ގޮތަކަށް ބަލާނެ އެއްވެސް ޖަމިއްޔާ ޖަމާއަތެއް އިދާރާއެއް ނެތް، އިންވެސްޓްކުރާނެ އެއްވެސް ފަރާތެއް ނެތް ހިސާބަށް، ނިމިދިޔަ ސަރުކާރުން ގައުމު އޮތީ ވައްޓާލާފަައި ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ރޭގައި، ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރޭގެ ޕްރޮގްރާމުގައި ދެއްކެވި ވާހަކައިގައި ސައީދު ވިދާޅުވީ މިދިޔަ ސަރުކާރު ނިމިގެން ދިޔައިރު ދިވެހި ގައުމު އޮތީ ވަރަށް ބޮޑަށް ދަރާފައި ކަމަށާއި 120 ނޫނީ 122 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދުވަހަަކުވެސް ނުއުފެދޭ ވަރަށް އޮތީ ދަރަނި އުފައްދާފައި ކަމަށެވެ.
އެގޮތުން އިގްތިސާދީ ގޮތުން އައިސްފައިވާ ހީނަރުކަމަށް އަލިއަޅުވާލައްވައި ސައީދު ވިދާޅުވީ 8 ބިލިއަން ވަރަކަށް ރުފިޔާ ކުންފުނިތަކަށް ދަރާފައިވާ ކަމަށާއި ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތައް އުޅެނީ އަދިވެސް އެ ދަރަނިތަކުން އަރައި ނުގަނެވިގެން ކަމަށެވެ. ހަމައެހެންމެ 8 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށާއި ގައުމު ހިންގަމުން ދިޔައީ ފައިސާ ޗާޕްކޮށްގެންކަމަށެވެ. އަދި އޭގެ ސަބަބުން ބައިނަލް އަގުވާމީ މާލީ ދާއިރާގައި، ރާއްޖެއާ ދޭތެރޭގައި މުޅީން އިތުބާރު ގެއްލި، ރާއްޖެއަށް ލޯނެއް ދޫކުރާނެ ފަރާތެއް ނެތް ހިސާބަށް ކަންތައް އޮތީ ގޮސްފައިކަމަށްވެސް ސައީދު ވިދާޅުވިއެވެ.
”ސަރުކާރުގެ ކުންފުނިތައް 7.5 ނުވަތަ 8 ބިލިއަން ރުފިޔާ، އެހާ އަދަދަށް ފައިސާ ކުންފުނިތަކަށް ދޭން ޖެހި ނުދީ އޮތީ، ހަމައެއާއެކު ސަރުކާރުގެ ބޮޑެތި ކުންފުނިތައް ދަރާފައި، އަދިވެސް ބައެއް ކުންފުނިތަކަށް އޭގެއިން އަރައިނުގަނެވިގެން އުޅެނީ، އެނގިވަޑައިގަންނަވާނެ 8 ބިލިއަން ރުފިޔާގެ ފައިސާ ޗާޕްކޮށް ބާޒާރަށް ނެރެފައި، ފައިސާ ޗާޕްކޮށްގެން ގައުމު ހިންގަމުން ދިޔައީ، ރާއްޖެއާ ދޭތެރޭގައި ބައިނަލް އަގުވާމީ މާލީ ދާއިރާގައި މުޅީން އިތުބާރު މުޅިން ގެއްލިފައި، ރާއްޖެއަށް ލޯނެއް ދޫކުރާނެ ފަރާތެއް ނެތް ހިސާބަށް ގޮސް، އަދި ރާއްޖޭގެ އޯވަރރޯލް ކްރެޑިޓް ރޭޓިން ވަރަށް ބޮޑަށް ދަށްވެގެން ދުވަހަކުވެސް ނުދާވަރަށް، ރާއްޖެއާމެދު މާޔޫސްކަމެއް ނޫން ގޮތަކަށް ބަލާނެ އެއްވެސް ދުނިޔޭގެ އިދާރާއެއް، މާލީ ޖަމިއްޔާއެއް ޖަމާއަތެއް އިންސްޓިޓިއުޓެއް އިންވެސްޓް ކުރާނެ ފަރާތެއް ނެތް ހިސާބަށް ގައުމު ވައްޓާލާފައި އޮތީ،“ އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިދިޔަ ސަރުކާރުން، ދިވެ ގައުމު އޮތީ ވައްޓާލާފައި އޮތީ، މުޅި ދުނިޔޭގައިވެސް ރާއްޖެއާމެދު މާޔޫސް ނަޒަރަކުން ނޫން ގޮތަކަށް ބަލާނެ އެއްވެސް ޖަމިއްޔާ ޖަމާއަތެއް އިދާރާއެއް ނެތް، އިންވެސްޓްކުރާނެ އެއްވެސް ފަރާތެއް ނެތް ހިސާބަކަށް ކަމަށެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޑރ މުހައްމަދު މުއިއްޒު ވަނީ ފައިސާ ޗާޕްކުރުން ހުއްޓަވާލައްވާފައެވެ. އަދި ގައުމުގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި ރައީސް ވަނީ އެތައް ހާއްސަ ޕްރޮޖެކްޓް ތަކެއް ކުރިއަށް ގެންދިއުމުގެ ބޮޑު ބުރަ މަސައްކަތް ފަށްޓަވާފައެވެ.



