ސައުދި އަރަބިއާގެ އިސްލާމިކް މިނިސްޓްރީ އާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރި އިލްމީ ދައުރާ ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
ދޭތެރެ ދޭތެރެއިން އިސްލާމީ ޤައުމުތަކުގައި ބޭއްވޭ އިލްމީ ދައުރާ ތަކުގެ ތެރެއިން ރާއްޖޭގައި ބޭއްވިގެން މި ދިޔަ ދައުރާ އަކީ އަޤީދާ ގެ ދާއިރާ އާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވުނު ދައުރާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލި ސައީދު ވިދާޅުވިއެވެ.
”ވޯކްޝޮޕް އެއް ގޮތަށް ކުރިޔަށް ގެންދިޔަ މި ދައުރާގައި އަޤީދާއާއި ތައުހީދުގެ މައުލޫމަތު ބައިވެރިންނަށް ލިބިގެންދިޔަ“ – މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް މި ދައުރާއަށް ލިބިގެން ދިޔަ ކަމަށާއި، އިސްލާމީ ދާއިރާތަކުގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ފަރާތްތައް މި ދައުރާގައި ބައިވެރިވި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މި ދައުރާ އިން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ އީމާންތެރިކަމާއި ބެހޭ މައުލޫމާތުތައް ކަމަށް ދައުރާގެ ބައިވެރިއެއް ބުންޔެވެ. އޭނާ ބުނި ގޮތުގައި މިފަދަ ދައުރާތަކުގެ ސަބަބުން އީމާންތެރިކަން އިތުރަށް ވަރުގަދަވެ، މާތް ﷲ އާއި އަޅުގަނޑުމެންނާއި ދޭތެރޭ އޮންނަ ގުޅުން ވަރުގަދަ ވެގެން ދާނެ އެވެ.
ދައުރާގެ ބައިވެރިން އެދުމަކީ ވީހާވެސް ގިނައިން މިފަދަ ދައުރާތައް ބޭއްވިގެން ދިޔުން ކަމަށް އެފަރާތްތަކުން މައުލޫމާތު ދިނެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވާ ގޮތުގައި، ކުރިޔަށް އޮތް ތަނުގައިވެސް ސައުދި އަރަބިއާ އާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން، އިސްލާމީ ދާއިރާ އާއި ގުޅުން ހުރި ދިރާސާތައް ކުރުމާއި، އިސްލާމީ ހިދުމަތުގައި ވަރަށް ގިނަ ކަންކަން ކުރާތަން ފެނިގެން ދާނެއެވެ.




