ފުލުހުން ވިދާޅުވީ ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ކުދި އުޅަނދު ތަކުގައި ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނައް ދަތުރު ނުދިޔުމަށާއި، މޫދައް ނޭރުމަށްވެސް ފުލުހުން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ވުމާއި ގުޅިގެން، ބ އަތޮޅުން ފެށިގެން ވ އަތޮޅާއި ހިސާބަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ވަނީ އޮރެންޖް އެލާޓް ނެރިފައެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑު ވަރަށް ބޮޑަށް ގަދަވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ނުހަނު ބޮޑަށް މޫސުން ގޯސްވެ، ރަށްރަށުގެ ގޭގޭގެ ފުރާޅު އެއްލައިލުމާއި، ގަސްތައް ވެއްޓުން ފަދަ ހާދިސާތައް އިތުރުވަމުންދާ މިދަނޑިވަޅުގައި، ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑުދަތުރު ނުކުރުމަށްވެސް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. މޫސުން ރަނގަޅު ވަންދެން ދަތުރުތައް މަޑުޖައްސާލުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ކުރުމުގައި ސަމާލުކަން ދިނުމަށްވެސް ދަނީ އިލްތިމާސްކުރަމުންނެވެ.




