މާލެ ސަރަހައްދަށް މޫސުން ގޯސްވެ، މާލެ-ހުޅުމާލެ ވިއުގައިގެ ފެރީ ދަތުރުތައް މެދު ކަނޑާލައިފި އެވެ.
ފެރީ ދަތުރުތައް އޮޕަރޭޓްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ(އެމްޓީސީސީ) އިން ބުނީ، މާލެ-ހުޅުމާލެ ފެރީ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައި ވާކަމަށެވެ. އަދި، މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާއި، ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގެ ފެރީގެ ޚިދުމަތަށް ބުރޫއެރުން އެކަށީގެންވާކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.
ފެރީ ދަތުރުތަކުގެ ތާވަލަށް ގެންނަ ބަދަލުތައް ދެނެގަތުމަށާއި، ދަތުރުތަކާއި ބެހޭ މައުލޫމާތު ހޯދުމަށް ބޭނުންވާ ކަސްޓަމަރުން ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅާލުމުން އެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ވަނީ، ހުރިހާ ކަސްޓަމަރުންވެސް މޫސުމާއި ބެހޭ އިދާރާތަކާއި، ސަލާމަތީ ބާރުތަކުން ނެރޭ އިރުޝަދުތަކާއި އެއްގޮތަށް ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ފުރަ މާލެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހަވީރު 16:30 އާ ހަމަޔަށް ޔެލޯ އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ވަގުތުތަކުގައި މާލެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި، ކަނޑުަތައް ވަރަށް ގަދަވާނެކަމަށްވެސް އެލާޓުގައި ބުނެފައި ވެއެވެ.
ފުލުހުންގެ އިދާރާއިންނާއި ކޯސްޓްގާޑުންވެސް ވަނީ ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރުތައް ނޫނީ މި ދުވަސްވަރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، އަދި އެއްވެސް ހާލެއްގައި ދަތުރުކުރަން ޖެހިއްޖެނަމަ، ދަތުރަށް ފުރުމުގެ ކުރިން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައި ވެއެވެ.



