މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން އޮޕަރޭޓް ކުރަމުން އަންނަ އާރްޓީއެލް ބަސް ދަތުރުތަކުގެ ތެރެއިން މާލެ ސިޓީ އޯކިޑް ރޫޓާއި ސޯސަން ރޫޓްގެ ބަސް ދަތުރުތައް މެދުކަނޑާލައިިފި އެވެ.
އެމްޓީސީސީން ބުނީ، މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެކުންފުނިން އޮޕަރޭޓްކުރަމުން އަންނަ R-10 (އޯކިޑް ރޫޓް) އާއި R-11 (ސޯސަން ރޫޓް) ގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި، ރަސްފަންނު ސަރަހައްދުގައި ފެންބޮޑުވެފައިވާތީ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ މާލޭގެ R-1.R-3 އަދި R-7 ގެ ދަތުރުތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ބަސްހުއްޓިއަށް ބަދަލުކުރެވިފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.
އެމްޓީސީސީން ވަނީ ކަނޑުގަދަވުމުގެ ސަބަބުން، މާލެ-ހުޅުމާލެ ފެރީ ޚިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އެމްޓީސީސީން ބުނީ ވިއްސާރައާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގެ ފެރީގެ ޚިދުމަތަށް ބުރޫ އެރުމަކީވެސް އެކަށީގެންވާކަމެއް ކަމުގަ އެވެ.
ބަސް ދަތުރުތަކާއި، ފެރީ ދަތުރުތަކާއި ބެހޭ މައުލޫމާތު ހޯދުމަށް ބޭނުންވާ ކަސްޓަމަރުން ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅާލުމުން އެ މައުލޫމާތު ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ވަނީ، ހުރިހާ ކަސްޓަމަރުންވެސް މޫސުމާއި ބެހޭ އިދާރާތަކާއި، ސަލާމަތީ ބާރުތަކުން ނެރޭ އިރުޝާދުތަކާއި އެއްގޮތަށް ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މާލެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހަވީރު 16:30 އާ ހަމަޔަށް ޔެލޯ އެލާޓް ނެރެފައެވެ. މާލެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ، ކަނޑުަވެސް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.
ފުލުހުންގެ އިދާރާއިންނާއި ކޯސްޓްގާޑުންވެސް ވަނީ ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރުތައް ނޫނީ މި ދުވަސްވަރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، އަދި އެއްވެސް ހާލެއްގައި ދަތުރުކުރަން ޖެހިއްޖެނަމަ، ދަތުރަށް ފުރުމުގެ ކުރިން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައި ވެއެވެ.




