މޫސުން ގޯސްވެ، ބޯކޮށް ވެހެމުންދާ ވާރޭގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ކުރަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ވެހުނު ވާރޭގައި ފެންބޮޑުވެފައިވާ މަގުތަކުގެ ތެރެއިން ބައެއް މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިއުގެ މުވައްޒަފުން ކުރަމުންދާ ކަމަށެވެ. އެގޮތުން، މަޖީދީމަގު ޖެލީ ޕިއްޒާ ކައިރި، އައިޖީއެމްއެޗް ކައިރި، ވެސްޓް ޕާކް ސަރަހައްދުގެ އިތުރުން ދިރާގު ކައިރި، މިސަރަހައްދުތަކުން ފެންހިންދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

މި ދުވަަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށްވުމުން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަައެވެ. އަދި ކަނޑުތައް ގަދަވެ، ވައިބާރު ދުވަސްތަކެއް ކަމުން މިދުވަސްތަކުގައި ކޮންމެހެން މަޖުބޫރު ހާލަތެއްގައި ނޫނީ ދަތުރުފަތުރު ނުކުރުމަށާއި ދަތުރު ކުރުމުގައި ވަރަށްބޮޑަށް ސަމާލުވުމަށްވެސް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވެ، ކުރަމުންދާ ވިއްސާރައިގައި ގޭގޭގެ ފުރާޅުތައް އެއްލައިލާ، ގަސްތައް ވެއްޓުންފަދަ ކަންތައްތައްވެސް ދިމާވަމުންދާތީ މިހުރިހާ ކަމަކަށް ސަމާލުވެ ތިބުން ރައްކާތެރިވެގެންވެއެވެ.




