ކުރިއަށް އޮތް ހަފުތާގެ އާދީއްތަ ދުޗަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލުތަކަށް ޓެކްސް ފޮތްތައް ފޮނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ސުކޫލުތަކުގައި ކިޔަވާ ކުދިންގެ ޓެކްސް ފޮތްތައް، ސުކޫލުތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލުތަކަށްވެސް ފޮތްތައް ފޮނުވޭނެކަމަށް ލަފާ ކުރާކަމަށެވެ.
މިހާރު ކުރިއަށް މިދާ ސުކޫލުތަކުގެ އަހަރީ ބޮޑު ޗުއްޓީއަށްފަހު އާ އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 26 ވާ އާދިއްތަ ދުވަހު އެވެ.
ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް މިއަަހރު މުޅިން އަލަށް ސަރުކާރު ސްކޫލުތަކުގައި ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާނެ އެވެ. ސަރުކާރުން މިހާރު ދަނީ މިމާއްދާ ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރަމުންނެވެ.
މިފަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުންފެށޭ އިރު އަދިވެސް މާލެ ސަރަހައްދުގެ ބައެއް ސުކޫލުތަކުގައި ދިވެހި މާއްދާ އުނގަންނައިދޭނެ މުދައްރިސުން ނެތްއިރު މުދައްރިސުން ލިބުމުގެ ދަތިކަން ވެސް ނުހަނު ބޮޑެވެ. އަދި ކިތަންމެ ތަފާތު ކަމަކަށްވިޔަސް ސަރުކާރުން ނިންމާފައި ވަނީ ދިވެހި މުދައްރިސުން ލިބުމުގެ ދަތިކަން ފޫބައްދަން އިންޑިޔާއިން ޓީޗަރުން ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.




