މިމަހު 28 ގައި ހުވާ ކުރާ، ރާއްޖޭގެ ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު، މި ދެ ނަން ހުށަހެޅުއްވީ މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ގިނަ އަދަދެއްގެ މެމްބަރުންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ގްރޫޕްގެ ލީޑަރަކަށް އިބްރާހިމް ފަލާހްގެ ނަމާއި އދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއުގެ ނަންވެސް ރައީސް ޑރ މުއިއްޒު ވަނީ ހުށަހަޅުއްވާފައެވެ.
ފާއިތުވި 5 އަހަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމުގައި އެެންމެ އިސްކޮށް ހުންނެވި، އަދި މިހާރު ޕީއެންސީގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުއްރަހީމަކީ އެއިރު އެކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމުން ވަގުތީ ގޮތުން ޕާޓީއާ ހަވާލުވެވަޑައިގެން ހުންނެވި ލީޑަރެވެ.
ނައިބު ރައީސް ކަމަށް ނަން ހުށަޙެޅުއްވި ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަން ކުރައްވާފައިވާ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ މަތީ މަޤާމުތައް އަދާކުރެއްވުމުގެ އިތުރަށް ސިޔާސީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ފަލާހަކީ 18 ވަނަ މަޖިލިހުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވުމަށްފަހު، 19 ވަނަ މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމަށްފަހު ސިޔާސީ ދާއިރާ އާ ދުވަސްކޮޅަކުން ދުރަށް ޖެހިވަޑައިގެން އުޅުއްވުމަށްފަހު އަލުން ޕީޕީއެމް/ޕީއެންސީއާ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. ފަލާހް އަކީ ރައީސް ޑރ. މުއިއްޒު އެންމެ އިތުބާރު ކުރައްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވާ ޝުޖާއު ވަނީ 18 ވަނަ މަޖިލިހުގައި ވެސް ބާރަށު ދާއިރާގެ މެމްބަރުކަން ކުރައްވައިފައެވެ. ހަމައެހެންމެ ޕީއެންސީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝުޖާއަކީ ޕްރައިމަރީއަކާ ނުލައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ހޯއްދެވި 13 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.



