ވ. ކެޔޮދޫ އިންޖީނުގޭގައި އާ އިންޖީނެއް ކޮމިޝަންކޮށް ބޭނުންކުރަން ފަށައިިފި އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނީ، ވ. ކެޔޮދޫއަށް 400kW ގެ ޖަނަރޭޓަރު ސެޓެއް ފޮނުވާ ކޮމިޝަން ކުރުމަށްފަހު މިހާރު އެ ޖަނަރޭޓަރު ބޭނުން ކުރަން ފަށާފައި ވާކަމަށެވެ. އަދި، މި ޖަނަރޭޓަރު ސެޓާއެކު ކެޔޮދޫގެ ޕެނަލްބޯޑު އަޕްގްރޭޑްކުރެވި އެކަމުގެ ފަސޭހަތައް ކެޔޮދޫ ރައްޔިތުންނަށް މިހާރު ލިބެމުންދާކަމަށް ސްޓެލްކޯއިން ބުންޏެވެ.
ވ. ކެޔޮދޫގައި ކޮމިޝަންކުރި އާ އިންޖީނު ކޮމިޝަންކޮށް ބޭނުންކުރަންފެށީ، ސްޓެލްކޯއިން ދެމުންގެންދާ ކަރަންޓްގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުންކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ، ވ. އަތޮޅަކީ، ލޯކަލް ޓޫރިޒަމްވެސް އޮތް ސަރަހައްދަކަށްވާއިރު، އެއޮންނަ ޑިމާންޑާއި އެއްވަރަކަށް ކޭޓާކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން ކެޕޭސިޓީ އިތުރުކޮށް، ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަމަށެވެ.
ސްޓެލްކޯއިން ފުރަމާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 5 އަތޮޅަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެއެވެ. އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 35 އިންޖީނުގެއެއް ގާއިމުކޮށްފައިވެއެވެ. އެއީ، ފުރަމާލެ ސަރަަހައްދުގައި 30 އިންޖީނުގެ އަދި އަތޮޅު ތެރޭގައި 5 އިންޖީނުގެ އެވެ. އަތޮޅުތެރެއިން ސްޓެލްކޯއިން ޚިދުމަތްދޭ އަތޮޅުތަކަކީ، ކ، އއ، އދ ވ އަތޮޅެވެ.
މިހާރުވެސް ސްޓެލްކޯއިން ދަނީ އެކި މާލޭގެ ކަރަންޓްވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަދު އަޕްގްރޭޑް ކުުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ހެންވޭރު ބޮޑުތަކުރުފާނު މަގު، ބޮޑުފުންގަނޑު މަގު، ބޮޑުރަސްގެފާނު މަގު، ލޮނުޒިޔާރަތް މަގު، ބުރެވި މަގު، ހިތިގަސް މަގު، ޑެއިޒީ ހިނގުން، މޫންލައިޓް ހިނގުން، ބަރުޖޯރާ ގޯޅި އަދި ބޮޑުފުޅަށް ގޯޅި ހިމެނޭ ސަރަހައްދުގަ އެވެ.


