ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ގާއިމުކުރެވިފައިވާ އާ ކާގޯ ކޮމްޕްލެކްސް މެދުވެރިކޮށް އަންނަ ހަފުތާގައި މަސް އެކްސްޕޯޓްކުރަން ފަށާނެކަމަށް އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅު ވެއްޖެ އެވެ.
”މިހާރު“ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ އެމަނިކުފާނު މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު، އެންމެ ދަތިކަމަކަށް އޮތީ ކާގޯ މައްސަލަކަަމަށެވެ. އެކަން ހައްލުކުރުުމުގެ ގޮތުން އެއާޕޯޓްގައި ތަރައްގީކޮށްފައި ހުރި ކާގޯ ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނައިކަމަށާއި، އެ ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނެވުމުން ކާގޯ އޮޕަރޭޝަނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ.
”މިހާރު ހުރިހައި އެކްސްޕޯޓެއް އެތަނުން( އާ ކާގޯ ކޮމްޕްލެކްސް) މިކުރަނީ. އޭގެ ސަބަބުން ރިސޯޓުތަކަށް ގެންނަ ތަރުކާރީ ނުަވަތަ ޕެރިޝެބްލް ގުޑްސްތައް ފިނިކޮށް ބެހެއްޓުމަށް ގާތްގަނޑަކަށް 4 ގުނަ ކެޕޭސިޓީ އިތުރުކުރެވިއްޖެ. އެހްނވީމައި ކާގޯ ގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް، ޚާއްސަކޮށް ރިސޯޓްތަަކަށް ލިބު ހެޔޮ ބަދަލެއް ނުވަތަ ކުރިއެރުމެއް މިއީ.“ ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި އާ ކާގޯ ކޮމްޕްލެކްސް މެދުވެރިކޮށް މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އެހެންނަމަވެސް އޭގެ މާބޮޑު ތަފުސީލެއް ނުދެއްވަ އެވެ. ރާއްޖެއިން އެންމެ ގިނަ އަދަކަކަށް އެކްސްޕޯޓް ކުރަނީ މަހެވެ. އެހެންކަމުން އަލަށް މިފަށާ މަސައްކަތާއެކު މަސް އެކްސްޕޯޓްކުރާ މިންވަރުވެސް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
އާ ކާގޯ ޓާމިނަލް ހުޅުވީ މިއަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހު އެވެ. މިއީ، ކުރިން ބޭނުންކުރަމުން އައި ޓާމިނަލަށްވުރެ ތިން ގުނަ ބޮޑު ޓާމިނަލެކެވެ. ބޮޑުމިނުގައި 11628 އަކަމީޓަރު ހުންނަ މިޓާމިނަލުން އަހަރެއްގެ މައްޗަށް އެއްލައްކަ ވިހިހާސް ޓަނުގެ މުދާ ހޭންޑްލް ކުރެވޭނެކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ. އެޓާމިނަލް ތަރައްގީކޮށްފައިވަނީ އިމްޕޯޓް އެކްސްޕޯޓް ގެ އޮޕަރޭޝަންތައް ފަސޭހަކަމާއެކު ކުރިޔަށްގެންދެވޭގޮތަށް ޒަމާނީ ވަސީލަތްތަކާއެކުގަ އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތް މިހާރަށްވުރެ ތަރައްޤީކޮށް ޒާމާނީ އައު ޙިދުމަތްތައް ތަޢާރަފުކުރުމަށް މިސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ް


