މޫސުން ގޯސްވުމާއި ގުޅިގެން ހުޅުމާލެ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(ޢޭޗްޑީސީ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޑިސީން ބުނީ، މި ދުވަސްވަރަކީ މޫސުން ގޯސް ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށްވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓްތަކުގައި ރައްކާތެރިކަމުގެ ގޮތުން ބަަލަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުރިހައި ކޮންޓްރެކްޓަރުންނަށް އިލްތިމާސްކުރާކަމަށެވެ. އެޗްޑީސީން ވަނީ، ކޮންސްޓްރަކްޝަން ސައިޓުތަކިގެ ވަށައިން ޖަހާފައި ހުންނަ ސޭފްޓީ ނެޓް އަދި ޓިނު ފަދަ ތަކެތި ރަނަގަޅަށް ހަރުކުރެވިފައިވޭތޯ ބެލުމަށާއި، ބެލްކަނީތަކާއި ޓެރަސް ފަދަ ތަންތަނުގައި ބެހެއްޓިފައިވާ އާންމުންނަށް ގެއްލުންވާ ފަދަ ތަކެތި ނެގުމަށް ކޮންޓްރެކްޓަރުންނަށް އަންގާފަ އެވެ.
އެޗްޑީސީންވަނީ މި މޫސުމުގައި ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއްދީ ރައްކާތެރިިކަން ކަށަވަރުކުރުމަށް އާންމު ރައްޔިތުންގެ ކިބައިންވެސް އެދިފައެވެ. އެގޮތުން، ބޭރަށް ހުޅުވޭގޮތަށް ހުންނަ ފެންލައިޓާއި ދޮރުފަދަ ތަންތަނުން ގޭތެރެއަށް ފެން ނުވަންނަގޮތަށް ބަންދުކުރަން އެދިފައި ވެއެވެ. އަދި، ރައްކާތެރި ފިޔަވަޅުތަކަށް ސަމާލުކަން ދީގެން ކޮޅިގަނޑުގެތެރޭގައި ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް އެޗްޑީސީން ވަނީ ހުރިހައި ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
ވިއްސާރައިގައި ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް، އިމާރާތް ކުރަމުން އަންނަ ސައިޓުތަކުގައި ކުރިޔާލާ ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަރ ސްޓްރަކްޗަރ އިން ވެސް ވަނީ، އިލްތިމާސްކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ، ހުޅަނގު މޫސުމުގެ ދުވަސްވަރުގައި، މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތްކުރިޔަށްދާއިރު، މަސައްކަތުގެ ސައިޓްގައި، ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅައި، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ވަގުތު އިމާރާތްކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓުތަކުގައިވާ ތަކެތި ވައިގަދަވުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެ ފަދަ ހާލަތެއްގައި ހުރިނަމަ އެތަކެތި ރައްކާތެރި ގޮތުގައި ބަލަހައްޓައި، އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް އެ މިނިސްޓްރީން އެދިފައި ވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ގަޑިއަކު 36 މޭލާއި 42 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް މާލެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރެފައެވެ.



