މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޙަސަން ޒަރީރު އައްޔަންކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޒަރީރު އެމަގާމަށް އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ޒަރީރު ވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރައްވާފައިވާ ޒަރީރަކީ، ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޙަސަން ޒަރީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަޤާމެވެ. އަދި ބެންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަންގެ މަޤާމު 7 މާރިޗު 2024 އިން 23 މެއި 2024 އަށް އަދާކުރައްވާފައި ވެއެވެ.
އޭނާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ޙަސަން ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގައި ބެޗެލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާޞިލްކުރައްވާފަ އެވެ. މީގެ އިތުރުން ޙަސަން ޒަރީރު ވަނީ، އިނގިރޭސިވިލާތުގެ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފް.ސީ.އެމް.އޭ، ސީ.ޖީ.އެމް.އޭ) އާއި، އޮސްޓްރޭލިއާގެ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް ގެ ކޮލިފިކޭޝަން ހާސިލްކުރައްވާފަ އެވެ.



