އައްޑޫ ސިޓީ ކައުންސިލުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް(އެމްއެމްޕީއާރްސީ) މެމްބަރަކަށް ވުމަށް ނިންމައިފި އެވެ.
އެކައުންސިލުން މިގޮތަށް ނިންމީ އިިއްޔެ ބޭއްވި އެކައުންސިލްގެ 4 ވަނަ ދައުރުގެ 142 ވަނަ ރަސްމީ ޖަލްސާގައި އެ ކައުންސިލްގެ ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު އައްޑޫސިޓީގެ ޓޫރިޒަމް މާރކެޓް ކުރުމާއި އަދި އިޝްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރްސީގެ މެމްބަރަކަށްވުމަށް ހުށަހެޅުއްވި މައްސަލައާ މެދު މަޝްވަރާކުރުމަށްފަހު ނެގި ވޯޓުންނެވެ. މިގޮތަށް ފާސްވީ ހުރިހައި މެންބަރުންގެ އިންތިފާގުންނެވެ.
ޒަރީރު ”ސައުވީހަށް“ މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމްއެމްޕީއާރްސީގެ މެންބަރަކަށްވުމުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫ ސިޓީ ޑެސްޓިނޭޝަންއެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް އެ ސިޓީން ތައްޔާރުވަމުން އަންނައިރު، އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށާއި، އަދި އައްޑޫ ޕްރޮމޯޓް ކުރުމުގައި އެމްއެމްޕީއާރްސީގެ ބައިވެރިވުން ހިމެނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީއަކީ، މިހާރުވެސް ދުނިޔޭގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓްކުރަމުން އަންނަ އެކަމުގެ ފަންނީ ތަޖުރިބާ ހުރި، އަދި ވަޞީލަތްތައް ހުރި ކުންފުންޏަކަށްވީއިރު، އައްޑޫ ޕްރޮމޯޓްކުރުމުގައި ބޮޑު ބާރަކަށް ވާނެކަމަށެވެ.
”އެމްއެމްޕީއާރްސީ އަކީ އެސްޓެބްލިޝްޑް ތަޖުރިބާ ހުރި ކުންފުންޏެއް. މާކެޓް ކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުވެފައި އެބަހުރި. އެހެންވީމައި، އެމްއެމްޕީއާރްސީގެ މެންބަރަކަށް ވުމުން އެތަނުގެ އެކިއެކި ޕްލެޓްފޯމްތަކުގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ފަހި ފުުރުސަތުތަކެއް ކައުންސިލަށް ލިބިގެންދާނެ. އަދި ބޭރުގެ ފެއާތަކުގައި ބައިވެރިވެ ދުނިޔޭގެ އެކި މާކެޓްތަކުގައި އައްޑޫ ސިޓީ އިޝްތިހާރުކުރަން ޖާގަލިބިގެންދާނެ. އެބޭފުޅުންގެ އެއްބާރުލުމާއެކު މިކަން ކުރެވިއްޖެއްޔާ މިއީ އައްޑޫއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަށް ވެގެންދާނެ.“ ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ، އެމްއެމްޕީއާރްސީގެ މެންބަރަކަށް ވުމަކީ، އައްޑޫ ވަކި ޑެސްޓިނޭޝަން އެއްގެ ގޮތުގައި ބްރޭންޑް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބޮޅެއް ކަމަށެވެ. އަދި ”އައްޑޫ ޑެސްޓިނޭޝަން“ ބްރޭންޑް ލޯންޗް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށާއި، މިހާރު ކައުންސިލުން ވިސްނާފައި އޮތީ މިއަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު ލަންޑަންގައި އޮންނަ ”ވަރލްޑް ޓްރެވެލް މާކެޓް“ ފެއާގައި ބްރޭންޑް ލޯންޗުކުރުމަށް ކަމަށް ޒަރީރު ވިދާޅުވި އެވެ. އެމަސައްކަތްވެސް ކުރިޔަށްދާނީ އެމްއެމްޕީއާރްސީގެ ބައިވެރިވުމާއި އެކުގައި ކަމަށް ޒަރީރު ވިދާޅުވި އެވެ.
”ބްރޭންޑް ކުރަން ޕްލޭނެއް ހަދައި، އޭތި ޑެވެލޮޕްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް މިދަނީ. އައްޑޫއަކީ ޓޫރިޒަމް ޑެސްޓިނޭޝަންއަކަށް ބޭނުންވާ ހުރިހައި އެލެމެންޓްސްތަކެއް ހުރިތަނެއް. މިހާރު އަސްލު އެހިންގައިގަންނަން އޮޕްޝަންސްތަކެއް ނެތީ. މިހާރު އައްޑޫއަށް ބަލާއިރު، ގެސްޓްހައުސްތައް ވެސް ވަކިވަކިން، ސްޕޯޓްސް ފިޝިންގް ވެސް ވަކި ވަކިން މި ހިންގަނީ. އަސްލު މިހުރިހައި ސްޓޭކްހޯލްޑަސް ގުޅިގެން މިކަންކޮށްފިއްޔާ އައްޑޫއަށް އަންނަ ދަތުރުވެރިންނަށް އޮޕްޝަންސްތަކެއް ލިބޭނެ އެކްސްޕްލޯ ކުރަން. ހުރިހައި ބާވަތެއްގެ ޓޫރިޒަމާއި ގުޅުން ހުރި ހުރިހައި ކަމެއް އެއް ބްރޭންޑެއްގެ ދަށުން ކުރެވި ރެގިއުލޭޓްކުރެވޭ ގޮތް މަގުފަހި ކުރުން ކައުންސިލުން މިކުރަނީ.“ ޒަރީރު ވިދާޅުވި އެވެ.
އިއްޔެގެ ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްއެމްޕީއާރްސީގެ މެންބަރަކަށްވުމަށް ކައުންސިލުން ނިންމަންޖެހޭ އެންމެހައި ކަންތައްތައްވެސް ފާސްކޮށްފަ އެވެ. ޒަރީރު ވިދާޅުވީ އަންނަ އާދީއްތަދުވަހު އެޕްލިކޭޝަން ފޯމު ހުޝަހަޅަން ނިންމާފައިވާކަމަށެވެ. އެމްއެމްޕީއާރްސީގައި މެންބަރަކަށްވެ، އަދި އައްޑޫ ޑެސްޓިނޭޝަންއެއްގެ ގޮތުގައި ބްރޭންޑް ކުރެވުމުން، ދުނިޔޭގެ އެކި މާކެޓްތަކުގައި އައްޑޫސިޓީ ޕްރޮމޯޓްކުރުމުގެ ފުރުސަތު ފަހިވެ، އައްޑޫގެ ޓޫރިޒަމަށާއި އިގުތިސާދަށް ބޮޑެތި ކުރިއެރުން ލިބިގެންދާނެކަމަށް ޒަރީރު ގަބޫލުކުރައްވަ އެވެ.



