މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިންގުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމު އާދަމްއާ ހަވާލުކޮށްފި އެވެ.
ޕްރައިވެޓަޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް(ޕީސީބީ) އިން ބުނީ، އެމްއެމްޕީއާރްސީގެ ހިންގުން ބައްސާމުއާއި މިއަދުން ފެށިގެން ވަގުތީގޮތުން ހަވާލުކޮށްފައިވާކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިންގުން ބައްސާމުއާއި ހަވާލުކޮށްފައި މިވަނީ އިއްޔެ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން ފާތިމަތު ތައުފީގު (ކުޑީ) ވަކިކުރުމަށްފަހުގައެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއްވެ ނުވެއެވެ.
އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަައިޝާ ނޫރައިން ނަޖާހު ވަނީ އަންގާރަ ދުވަހުގެ ރޭ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.އަދި އޭނާ އިސްތިއުފާ ގަބޫލުކޮށް، އޭނާވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މީގެއިތުރުން އެމްއެމްޕީއާރުސީގެ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލްކުރައްވާ މެންބަރު ރާފިލްވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެމްއެމްޕީއާރްސީގައި މެނޭޖްމެންޓް ބޭފުޅުން އިސްތިއުފާ ދެއްވާފައިވާއިރު، އިސްތިއުފާދެއްވީ ސަބަބާއި، އަދި ވަކިކުރެއްވި ބޭފުޅުން ވަކި ކުރެއްވި ސަބަބުން އެކުންފުނިންވެސް އަދި ޕީސީބީންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


