ރ. އުނގޫފާރު މަގުމަތީގައި އޮތް ފެންގަނޑަކަށް އެރި އުޅެނިކޮށް ކަރަންޓުގައި ޖެހުނު ކުއްޖާ ސަލާމަތްކުރަން އުޅުނު ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އުނގޫފާރު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވިި ގޮތުގައި ކަރަންޓުގައި ޖެހުނު ދެ ކުއްޖަކާއި ޒުވާނަކު މިއަދު މެންދުރުފަހު 1:40ހާއިރު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ފެންގަނޑަށް ފައިބައިގެން ކަރަންޓުގައި ޖެހުނު 8 އަހަރުގެ ކުއްޖާއާއި 12 އަހަރުގެ އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުކަން ފާހަގަކުރައްވައި އާސިފް ވިދާޅުވީ ހާލު ރަނގަޅު ނަމަވެސް އަދި އެދެކުދިން ތިބީ އޮބްޒަރވޭޝަނުގައި ކަމަށެވެ.
އެ ދެކުދިންގެ ހާލު ރަނގަޅު ނަމަވެސް ފެންގަނޑުން ކަރަންޓު ޖެހުނު ކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކުރި 18 އަހަރުގެ ޒުވާނާާގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ކަމަށާއި އެޒުވާނާއަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށްވެސް އާސިފް ވަނީ ވިދާޅުވެފައެވެ. ޒުވާނާގެ ހާލު ސީރިއަސް ކަމަށްވުމާއެކު އޭނާއަށް ފަރުވާ ދިނުމުގައި ރަށު ހޮސްޕިޓަލުގެ ކަމާ ގުޅުން ހުރި ހާއްސަ ޑޮކްޓަރުން ޒުވާނާއަށް ފަރުވާދެމުން ދަނީ ވަރަށް ސަމާލުވެ އެހާމެ ގާތުން ކަންތައް ބަލަމުން ކަމަށްވެސް އާސިފް ވަނީ ވިދާޅުވެފައެވެ.

މިހާދިސާ އަކީ ކޮންކަމަކާ ގުޅިގެން ހިނގި ހާދިސާއެއްކަން ސީދާ އެއްވެސް ފަރާތަކުން ޔަގީން ބަހެއް ލިބިފައެއް ނެތެވެ. އެހެންނަމަވެސް އެރަށުގައި މި ހާދިސާ ހިނގި ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ފެންގަނޑަށް ކަރަންޓުގެ އަސަރު އެ ފޯރީ، އެ ފެންގަނޑު ކައިރީގައި ހުރި، ވަޔަރިން މައްސަލައެއް ދިމާވެފައިވާ މަގު ބައްތިއެއްގެ ސަބަބުން ކަމަށެވެ. އަދި މިއީ ވެދާނެ ކަމެއްކަމަށް ގަބޫލު ކުރެވޭ ކަމެކެވެ.
ހާދިސާ ހިނގި ސަރަހައްދު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ޓޭޕް ދަމައި ބަންދުކޮށްފައެވެ.
މިހާދިސާ އާ ގުޅޭގޮތުން، ފުލުހުން ބުނީ އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅެނިކޮށް ދިމާވި ހާދިސާއެއްގެ މައުލޫމާތު މިއަދު މެންދުރު 1:30 ހާއިރު ކަމަށެެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ، އުމުރުން 18 އަހަރުގެ ފިރިހެނަކަށާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށާއި އެކުދިންނަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން އެ ދެ ކުދިން ކަރަންޓްގައި ޖެހުނު މަންޒަރު ފެނުނު ކުއްޖަކު އަނބުރައިގަނެފައިވާތީ އެކުއްޖާއަށްވެސް ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މިކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.




