ކުރިޔަށް އޮތް ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ނޫންކަމަކު ”ވިޒިޓް ވިސާ“ ގައި ސައުދީއަށް އެތެރެވެފައި ތިބި އެއްވެސް ބަަޔަކު މައްކާއަށް ދަތުުރުކުރުން ސައުދީ ސަރުކާރުން މަނާކޮށްފި އެވެ.
ސައުދީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާގޮތުގައި، އެގައުމުގެ ދާޚިލީ އިދާރާއިން ވަނީ، ”ވިޒިޓް ވިސާ“ ގައި ސައުދީއަށް އެތެރެވެފައި ތިބި އެންމެންނަށް މިއަދުން ފެށިގެން އަންނަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މައްކާއަށް ދަތުރުކުރުން މަނާކޮށްފަ އެވެ. މީގެ ތެރޭގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަ ހޯދައިގެން މައްކާއަށް ވަންނަ މީހުން ނުހިމެނެއެވެ.
މައްކާގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ މިއަދުގެ ކުރިން ސައުދީއަށް ”ވިޒިޓް ވިސާ“ ގައި އެކި އެކި ބޭނުންތަކަށް އެތެރެވެފައިތިބި މީހުން، މައްކާއަށް އެރުމަކީ މަނާކަމެއް ކަމަށާއި، ދާޚިލީ ވުޒާރާގެ އެންގުމާއި ޚިލާފަށް މައްކާ ދަތުުރުކޮށްފިނަމަ އެއޮންނަ އުސޫލަކުން ފިޔަވަޅު އަޅާނެކަމަށެވެ.
ސައުދީގެ ދާޚިލީ ވުޒާރާއިން، ހައްޖު މޫސުމާއި ދިމާކޮށް، މިފަދަ ހަރުކަށި ފިޔަވަޅެއް ތަންފީޒުކުރަން މިފެށީ، ސައުދީ ސަރުކާރުގެ އިޒުނައާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިދުވަސްވަރުގައި މައްކާއަށް ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، އެމީހުންނަށް ހައްޖުގެ ފަރުޟު އަދާކުރުމުގައި އެއްވެސް ބުރުލެއް ނާރާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމުގެ މަގްސަދުގަ އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް އަހަރަކު އެތައް މިލިއަން މީހުން ސައުދީއަށް ދަތުރުކުރެއެވެ. މިއަހަރު ހައްޖުގެ އަޅުކަމަށް މީހުން މިހާރު ވަނީ ސައުދީއަށް އެތެރެވާން ފަށާފައެވެ. މީގެ ތެރޭގައި އެއްގަމާއި، ވަޔާއި ކަނޑު މަނގުން ދަތުރުކުރާ މީހުން ހިމެނެއެވެ. އާންމުކޮށް އެއްގަމު މަގުން ސައުދީއަށް އެތެރެވަމުންދަނީ ސައުދީއާއި އެއްފަސްވެފައިވާ ގައުމުތަކުގެ މީހުންނެވެ. ސައުދީން ވަނީ ހުރިހައި ބޯޑަރެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކަޮށް ހައްޖާޖީންނަށް ސައުދީއަށް ލުއި ފަސޭހަގޮތެއްގައި އެތެރެވެވޭނެ އިންތިޒާމުތައް ހަމަޖައްސާފަ އެވެ.



