ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީސް ވެގެންދާނީ ރައްޔިތުންގެ އިތުބާރާއި ލޯބި އޮތް މަޖިލީހަކަށް ކަން، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް އިންތިހާބު ކުރެއްވުމަށް ޕީއެންސީއިން ނިންމާފައިވާ އަބްދުއްރަހީމް ރޭ ޕީއެސްއެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ނިމިދިޔަ މަޖްލިސް ގައި ހިނގައިދިޔަ ނުރަނގަޅު ކަންތައްތަކުގެ ސަބަބުން ރައްޔިތުން ގެ ކުރިމަތީގައި މަޖިލީހުގެ އަގު ވެއްޓި އިތުބާރު ގެއްލިފައިވާ ކަމަށާއި، 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެ އިތުބާރު އަލުން ހޯދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.
”އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ، މެމްބަރުން އިސް ކުރެއްވީ އަމިއްލަ މަސްލަހަތު. އަމިއްލަ މަންފާ ކުރިޔަށް ނެރުނީމަ އެކަށީގެންވާ މަސައްކަތެއް މަޖްލިސް ތެރެއިން ނުކުރެވުނީ“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ނިމިދިޔަ 19 ވަނަ މަޖިލީހުގެ އުނދަގުލާއި ހެދި މިދިޔަ 6 މަސް ތެރޭގައި ރައީސް ޑރ. މުއިއްޒު އަށް ޤައުމު ހިންގަވަން ދަތިވެ ވަޑައިގެންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން އެއްވެސް ސަބަބެއް ނެތި ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމާއި، ރައީސް ފޮނުއްވެވި ބަޖެޓު ބޮލާލާއި ޖެހި ކަމަށް އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ.
”އެބޭފުޅުން (އެމްޑީޕީގެ މެމްބަރުން) އުޅުއްވީ ރައީސް ޑރ. މުއިއްޒުއަށް ނުހުރުއްޕާން ކުރައްވަން. އެއީ ސަރުކާރު ޖަވާބުދާރީ ކުރުވުމެއް ނޫން“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަން ހިންގާކަށް ފުރުސަތެއް ނުދޭނެ ކަމަށާއި، އެ މަޖިލީސް ވެގެންދާނީ ”އިއްޒަތްތެރި މެމްބަރުން“ ކިޔަން ޖެހޭ ފަދަ މެމްބަރުން ތަކެއް އުޅޭ މަޖިލީހަކަށް ކަމަށެވެ. އަދި އެ މަޖިލީހުގެ ކަންކަން ބައްޓަން ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި، މަޖިލީހުގެ މުޅި އަމާޒަކަށް ވާނީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ދޭންޖެހޭ އެއްބާރުލުން ދިނުން ކަމަށް އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ.
ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް އަބްދުއްރަހީމް އިންތިހާބު ކޮށްދެއްވުމަށް ރައީސް ޑރ. މުއިއްޒު ނަން ހުށަހަޅުއްވާފައި ވާއިރު، ނައިބު ރައީސް އަކަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ އިންތިޚާބީ މެމްބަރު އަހުމަދު ނާޒިމް ގެ ނަމެވެ.
ރައީސް މި ނަންތައް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު މުލިއާގޭގައި ޕީއެންސީގެ އިންތިޚާބީ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. ރައީސްގެ އެ ހުށަހެޅުއްވުމާ އެއްގޮތަށް އަމަލުކުރުމަށް އެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ހުރިހާ އިންތިޙާބީ މެމްބަރުން ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.



