އިލްމަކީ ﷲ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށާއި، މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލަކީ އިލްމު ހޯދުންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ދިރާސީ އާ އަހަރު“ މި މައުޟޫއަށް ދިން ހުކުރު ހުތުބާގައި ބުނީ، އިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށާއި މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލަކީ އިލްމު ހޯދުންކަމަށާއި އެއީ ސުވަރުގެއަށް ވާސިލުކޮށް ދޭނެ ކަމެއް ކަމަށެވެ. އަދި އިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ އިލްމާއި އާހިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ އިލްމު ހިމެނޭ ކަމަށާއި އިލްމުގެ އަހުލުވެރިންގެ ދަރަޖަ މާތް ﷲގެ ހަޒުރަތުގައި މަތިވެރި ކުރައްވާފައިވާ ކަމަށްވެސް ހުޅުވާފައި ބުންޏެވެ.
އިލްމު އުނގެނުމަށް ވަކި އުމުރެއް އަދި ވަކި ޖިންސެއް ނޯންނަކަމަށާއި މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
އަންނަ އާދީއްތަ ދުވަހު ފަށާ ދިރާސީ އަހަރަށް އަމާޒުކޮށް, ދަރިވަރުންނަށް ހުރިހާ ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި ހުޅުވާފައި ވަނީ މާތް ﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވާފައެވެ.
ހަމަމިއާއެކު ދަރީންނަށް ދުނިޔެއާއި އާހިރަތުގައި މަންފާކުރާނެ އިލްމު ހޯދައިދިނުމަށް އެހީތެރިވެ ދިނުމަށްވެސް ހުތުބާގައި އިލްތިމާސް ކޮށްފައިވެއެވެ. އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ހައްގުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބެލުމަށް ހުތުބާގައި ވަނީ މައިންބަފައިންނާއި ބެލެނިވެރިންނަށް ނަސޭހަތްތެރިވެފަ އެވެ.
ހުތުބާގައި ބުނީ ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ވަކި ޖިންސެއް ނޯންނަ ކަމަށާއި މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީން ކަމަށާއި މީގެ އިތުރުން ނަބީބޭކަލުން ވާރުތަ ކުރެއްވީ ޢިލްމު ކަމަށާއި ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވާ ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.
ޢިލްމުވެރިޔާއަށް އުޑާއި ބިމުގައި ވާހައި ތަކެއްޗާއި، ކަނޑުގައިވާ މަސްމަހާމެއްސަށް ދާންދެން އިސްތިޣުފާރު ކުރާނެކަމަށާއި ހާއްސަކޮށް އަޅުވެރިޔާއާއި ޢިލްމުވެރިޔާގެ މާތްކަން ވާހުށީ ހުރިހާ ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެގެންވާ ފަދައިން ކަމުގައި ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުން ކަމުގަޔާއި ޢިލްމު ޙާޞިލުކޮށްފިމީހާއީ ބޮޑުވެގެންވާ ނަސީބެއް ޙާޞިލުކޮށްފި މީހެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.



