ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެންޓިގާ ބާބިބުޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.
މި ހިނގާ މޭ މަހުގެ 27 އިން 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ ސިޑްސް ކޮންފަރެންސްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާނެއް ރައީސް ހުށަހަޅުއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ކޮންފަރެންސްގައި ބައިވެރިވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފުދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެއެވެ.
ކޮންމެ 10 އަހަރަކުން އެއްފަހަރު އ.ދ. އިން އިންތިޒާމު ކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުން ތެރޭގައި ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން އެ މަނިކުފާނަކީ މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގުގެ ކޯޗެއާރ އެވެ.
ކުދި ޖަޒީރާ ޤައުމުތަކަށް ހާއްސަ ކޮށްގެން ބާއްވާ ސިޑްސް ކޮންފަރެންސް ގެ މި އަހަރުގެ ޝިއާރަކީ ”ޗާޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ



