ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓެއްގެ ކުޑަ ދޮރުން ކުޑަ ކުއްޖަކު ސިޑިގޮޅިއަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ކުޑަ އަންހެން ކުއްޖެއް ހިޔާފުލެޓުގެ އެޕާޓްމަންޓެއްގެ ކުޑަ ދޮރުން، ވައިބާރު ވަގުތެއްގައި ސިޑިގޮޅިއަށް ފައިބާ މަންޒަރު ފެންނަ ވީޑިޔޯ ވައިރަލް ވެފައިވާއިރު މިއީ މިކުއްޖާ ކުރިންވެސް ކުރާ ކަމެއްކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި މިއީ ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓަކުން ކުރާ ކަމަކަށް ވިިޔަސް އެހިސާބުން ކުއްޖާ ވެއްޓުނު ކަމުގައި ވިޔަސް ބޮޑު އަނިޔާއެއްވެ، ފުރާނައަށް ވެސް ނުރައްކާ ވުމުގެ ފުރުސަތު އޮންނާނެކަމެކެވެ. އެހެންކަމުން މިކަން ހުއްޓުވަން ޖެހޭ ކަމަށް މީހުން ދަނީ ސޯޝަލްމީޑިޔާގައި ބުނަމުންނެވެ.
މިއީ މޫސުން ގޯސް ވައިބާރު ދުވަސްކޮޅަކަށް ވާއިރު، ހިޔާފުލެޓު ސަރަހައްދަށް އާދަޔާ ހިލާފަށް ބޮޑަށް ވައިޖެހޭ އިރު މިފަދަ ނުރައްކާތެރި ކަންކަން ކުރުމަކީ ވަރަށްބޮޑު ގޯހެއް ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށްވެސް މީހުން ދަނީ ކަންބޮޑުކަން ފާޅުކުރުމާއެކު ބުނަމުންނެވެ.
ފުލުހާއި ޖެންޑާ މިނިސްޓްރީން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެ ކުއްޖާ ތަކުރާރުކޮށް އެކަން ކުރަމުން ދާތީ އެކަން ޖެންޑާގެ ސަމާލު ކަމަށް ކުރީން ވެސް ވަނީ ގެނެސްފައި ކަމަށާއި މައްސަލަ ޖެންޑާ އިން ބަލަން ފަށާފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.



