މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ގަސް އިންދުމުގެ ހަރަކާތެއް ހިންގަން ނިންމައިފި އެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މި ޕްރޮގްރާމަކީ ސަރުކާރުން އިއުލާނު ކުރައްވާފައިވާ ފަސް މިލިއަން ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން ކުރިޔަށްގެންދަން ރާވާފައިވާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ބައިވެރިވުން މުހިންމުކަމަށް ފަހުމީ ވިދާޅުވެފައި ވެއެވެ.
ފުރަމާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ފަސް ސަރަަހައްދަކަށް ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުން އަަންނައިރު، މި ޕްރޮގްރާމްގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެކަމަށް ފަހުމީ ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ސަރުކާރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާނެކަން އިއުލާނުކުރެއްވީ މިދިޔަ އަހަރު ބޭއްވި ކޮޕް-28 ސަމިޓްގައެވެ. ތިމާވެއްޓާއި ބެހޭ ވަޒީރު އަހްމަދު ޠާރިގް ވިދާޅުވެފައިވަނީ މި ޕްރޮގްރާމް އިފްތިތާހު ކުރާނީ މިއަހަރުގެ ތިމާވެށީގެ ދުވަސްކަމަށްވާ އަންނަ މަހުގެ 5 ވަނަ ދުވަހު ކަމަށެވެ.
އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ފަސް އަހަރުގެ ތެރޭގައި 5 މިލިއަން ގަސް އިންދަން ރާވާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށްތަކާއި، ރިސޯޓްތަކުގައިވެސް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި އިންދާނީ ރާއްޖެއިން ނެތިގެން ހިގައިދާނެކަމުގެ ބިރު ހީވެފައިވާ ގަސްތަކާއި، ބޭސްވެރިކަމަށް ބޭނުން ހިފޭނެ ގަސްތަކާއި، މޭވާ އަޅާ ގަސްތަކުގެ އިތުރުން ހިޔާ ލިބޭ ގަސްތައް ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މި ޕްރޮގްރާމް ކުރިޔަށްްގެންދަން ނިންމާފައިވަނީ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅިގެންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.



