ދިވެހިންނަށް ލުއި ފަސޭހަކަމާއެކު ވިސާގެ މުއްދަތު އިތުރުކުރެވޭނެކަން ކަށަވަރު ކުރުމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ސްރީލަންކާއަށް ދަތުރުކުރާ އެކިގައުމުތަކުގެ މީހުންނަށް ދޫކުރަމުންއަންނަ އީ-ވިސާ ސްކީމަށް ގެނައި ބަދަލުތަކާއި ބެހޭ ތަފުސީލު ހިއްސާކުރުމަށް އިއްޔެ ފޮރިން މިނިސްޓްރީ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސްރީލަންކާއިން ވިސާގެ ނިޒާމަށް އަލަށް ގެނައި ބަދަލުތަކާއެކުވެސް، ކުރިން ދިވެހި ރާއްޖެއިން ސްރީލަންކާއާއެކު ވެފައިވާ ވިސާ އެއްބަސްވުމުގެ ތެރެއިން، ދެ ގައުމަށް ވެސް ފައިދާވާނެގޮަތަކަށް، މިހާރު ވެސް ވިސާ ދިނުމުގައި ހުރި ފަސޭހަތައް ދަމަަހައްޓާނެކަމަށެވެ. އެގޮތުން، އަލަށް ގެނައި ބަދަލާއި ގުޅިގެން، ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ މުއްދަތު އިތުރު ކުރުމުގައި، އެއްވެސް ދަތިކަމެއް ނެތި ފަސޭހަ ކަމާއެކު ކުރިޔަށްގެންދެވޭނެކަން ކަށަވަރުކުރުމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީއާއެކު މަޝްވަރާކުރަމުން އަންނަކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ފޮރިން މިނިސްޓްރީޏް ބުނީ، މިހާރު ސްރީލަންކާ އިމިގްރޭޝަނުން އަމަލުކުރަމުންދާ ވިސާ އުސޫލުގެ ދަށުންވެސް، ދިވެހިން ސްރީލަންކާއަށް ވަންނައިރު ހިލޭ 30 ދުވަހުގެ ޓޫރިސްޓް ވިސާ ލިބޭނެ ކަމަށެވެ. އަދި 30 ދުވަހަށްވުރެ ގިނަ ދުވަހު މަޑުކުރާނަމަ، ހަމަސް ދުވަހަށް ހިލޭ ވިސާ އިތުރުކުރެވޭނެ ކަމަށެވެ. އެގޮތުން، ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ދިވެހިންނަށް އޮންލައިންކޮށް https://www.srilankaevisa.lk/ މެދުވެރިކޮށް ވިސާއަށް އެދި ހުށަހެޅޭނެކަމަށާއި، ވިސާގެ މުއްދަތު އިތުރުކޮށްދެނީ އިދާރީ ފީއެއް ނަގައިގެން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިވަގުތު ސްރީލަންކާގައި ތިބި ދިވެހިން، ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި، ރާއްޖެއިން ސްރީލަންކާއަށްދާ ދިވެހިން ވިސާގެ ކަންކަމުގައި މިނިސްޓްރީއަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް މިނިސްޓްރީން އެދިފައި ވެއެވެ.



