މިއަދު މެންދުރު ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން އޮޔާ ދިޔަ މީހަކު ނަގައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފިއެވެ.
ފުލުހުން ވިދާޅުވީ މީހަކު ކަނޑުމަތިން އޮޔާދާކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:30 ކަންހާއިރު ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިގެން ރިޕޯޓު ކުރީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗެކެވެ.
އެ މީހާ މަރުވެފައި ވަނީ ގެނބިގެން ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.
މަރުވެފައިވަނީ އަންހެނެއް ކަމަށާއި، އެއީ ދިވެހި އަންހެނެއްތޯ ނުވަތަ ބިދޭސީއެއްތޯ އަދި ޔަޤީން ނުކުރެވޭ ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދެއްވިއެވެ.
ފާއިތުވި 48 ގަޑި އިރު ތެރޭގައި ރާއްޖެގައި ގެނބިގެން ދެ މީހަކު މަރުވެފައި ވެއެވެ.




