މޮނޯރެއިލްއިން, މާލެ އާއި ހުޅުލެ ކ. ފުނަދޫ އާ ގުޅާލުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއި ހަވާލުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިކަން ހާމަކުރައްވާފައި ވަނީ މިއަދު އިގްތިޞާދާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވިދާޅުވީ، މާލެ އަދި ހުޅުލެ ފުނަދޫއާ ގުޅާލަނީ ސިންގަލް ޓްރެކް މޮނޯރެއިލްއަކުން ކަމަށެވެ. އަދި އެ މަސައްކަތުގެ މާލީކަންތައްތައް ކުރުމަށް ބަޔަކާ އެކު މިހާރު ވަނީ ސޮއި ކޮށްފައި ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މާލެ އަތޮޅު ފުނަދޫގައި ހުރި ފިއުލް ފާމް ވެސް ބަދަލުކުރުމުގެ މަސައްކަތް ވަނީ މިހާރު ފަށާފައިކަމަށް ސައީދު ވިދާޅުވިއެވެ.
މި މަސައްކަތުގެ ކުރިން، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ވެސް ހަވާލުކުރި ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ)އިން މިހުރިހާ މަސައްކަތަކަށް ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ އަށާރަ މަސްދުވަަހުގެ ތެރޭގައެވެ. އަދި މިޕްރޮޖެކްޓްގެ މަސައްކަތު ތެރޭގައި ފުނަދޫގެ އިމާރާތްތަކުގެ ކުރެހުންތަކާއި އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވެސް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.




