މިއަހަރުގެ ޖުލައިމަސް ތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ޑިވެލޮޕްމެންޓް ބޭންކަށް ރާއްޖެއިން ބޭރުގެ ތަޖުރިބާހުރި ސީއީއޯ އެއް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރ މިކަން ހާމަކުރައްވާފައި ވަނީ، އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރސައީދު ވިދާޅުވީ، ރާއްޖޭގައި ގާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކަކީ އޭޝިޔާ ސަރަހައްދުގައި ހުރި އިތުބާރު ލިބިފައިވާ ބޭންކެއްގެ ގޮތުގައި ހަމަޖެހިގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުކަމަށެވެ.
އެހެންކަމުން ޑިވެލޮޕްމެންޓް ބޭންކްގެ ސީއީއޯ އަކަށް ބޭރުގެ ތަޖުރިބާކާރަކު ހޯދުމުގެ މަސައްކަތަކީ ރާއްޖޭގައި އެކަމަށް ހުރި ފަންނީ ގާބިލް ކަމާއެކު ބައިނަލްއަގުވާމީ ގޮތުން އިތުރު މުއްސަނދި ވިސްނުމެއް ގެނައުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މަސައްކަތް މިކުރަނީ ހަމަ ދުނިޔޭގެ އެންމެ ފެންވަރު ރަނަގަޅު އެއް ޗީފް އެގްޒެކްޓިވް އޮފިސަރު ނުވަތަ އެފަންނުގެ ބޭފުޅުން ގެނައުމަށް، އެ މަސައްއްކަތް އެބަދޭ ބާރަށް، ބޭރުގެ ސީއީއޯއެއް ހޯދުމުގެ މަސައްކަތް އެބަގެންދަން،“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.




