އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާގެ ރަފަހް ސަރަހައްދުގައި ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ ހުރިހާ އިދާރާތަކަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.
އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށްވާއިރު، ބައިނަލްއަގްވާމީ އިދާރާތަކުން އިޒްރޭލާ ދެކޮޅަށް ނެރެފައިވާ ގަރާރުތަކާއި އަމުރުތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ. އަދި، އައިސީޖޭއިން ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވާއިރު، އެ އެންގުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން ފުރިހަމައަށް އަމަލުކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
”ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ޒަމާނުއްސުރެ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން. އަޅުގަނޑުމެންގެ ދުޢާއަކީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަނިޔާތަކަށް ނިމުމެއް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވީ އެންމެ އަވަހަކަށް ގާއިމުވެގެން ދިޔުން.“ އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ގަތުލުއާންމުތައް ހިންގަމުންދާކަމަށް ބުނެ، ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހަޅާފައި ވަނީ, މި މަހުގެ 10 ވަނަ ދުވަހު އެވެ. އައިސީޖޭގެ 15 ފަނޑިޔާރުންގެ ބެންޗަކުން މިމައްސައިގެ އަޑުއެހުންތައް ހުޅުވާލާއިގެން ކުރިޔަށް ގެންދިއުމަށްފަހު، އިއްޔެ އަމަުރު ނެރެފައިވަނީ، 13 ފަނޑިޔާރުންގެ ތާއީދާ އެކުގަ އެވެ.
.



