ހުޅުމާލޭގައި ފަޔަރ ހައިޑްރެންޓް ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ސާވޭއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ، މި ސާވޭގައި ހިމެނެނީ އެ މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓުގައި ހިމެނުމުގެ ގޮތުން ކުރާ ސުވާލުތަކެއްކަމަށެވެ. އެގޮތުން، މި ސާވޭއަށް ހާއްސަަ ސުވާލުތަކަކީ ހުޅުމާލޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާން އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތު ކުރިއަށް ގެންދާނެ ”ފަޔަރ ހައިޑްރެންޓް ނިޒާމު“ ގާއިމު ކުރުމުގެ މަޝްރޫއު އާ ބެހޭ ގޮތުން ހުޅުމާލޭގެ ފޭސް އެކެއްގައި އުޅޭ މީހުންގެ ހިޔާލު ހޯދަން ތައްޔާރު ކުރެވިފައިވާ ސުވާލުތަކެއް ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ސާވޭގެ ބޭނުމަކީ ހުޅުމާލޭގައި މަސައްކަތް ކުރާ އަދި ދިރިއުޅޭ ފަރާތްތަކަށް މަޝްރޫއު މުހިންމުވާ މިންވަރު ދެނެގަނެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދޭގޮތް ސާފު ކުރުންކަމަުގަ އެވެ.
ފަޔާ ހައިޑްރެންޓަކީ އަލިފާން ނިއްވުމައް ބޭނުންކުރާ އާލާތްތަކަށް ހައި ޕްރެޝަރުގައި ފެން ފޯރު ކޮށް ދިނުމަށް ބޭނުން ކުރާ އެކްސެސް ޕޮއިންޓު ތަކެކެވެ. އެ ޕޮއިންޓުތައް ވަކި ނިޒާމެއްގެ ދަށުން ގާއިމުކޮށް ރަނގަޅަށް ބެލެހެއްޓުމަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކަން ހޯދަން މުހިންމު ކަމެކެވެ.



