96،000 އަށް ވުރެ ގިނަ ދަރިވަރުންނާއިއެކު މި އަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފަށައިފިއެވެ. މީގެ ތެރޭގައި 42،700 ފިރިހެން ދަރިވަރުންނާއި 40،300 އަންހެން ދަރިވަރުން ހިމެނެއެވެ.
ސަރުކާރުގެ 217 ސްކޫލެއްގައި 83،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރާ އިރު، ޕްރައިވެޓް ނުވަތަ އަމިއްލަ ސްކޫލުތަކުގައި 13،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރާނެއެވެ.
ދިރާސީ އާ އަހަރާއިއެކު ސަރުކާރު ސްކޫލުތަކުގައި 12،662 މުދައްރިސުން ކިޔަވައިދިނުމަށް ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި 10،729 ދިވެހި މުދައްރިސުން ހިމެނެއެވެ.
ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދިރާސީ އާއަހަރުގެ ކިޔަވައިދިނުން ފެށުމަށްޓަކައި އެ ވުޒާރާއިން ވާންޖެހޭ ތައްޔާރީތައް ވެފައި ވާ ކަމަށެވެ. އަދި މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން އަތޮޅު ތެރޭގެ ސްކޫލު ތަކަށް ފޮތްތައް ފޮނުވުމުގެ ދަތިތަކާއި ކުރިމަތި ލާން ޖެހުނުނަމަވެސް، ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ފުރިހަމަޔަށް ތައްޔާރު ވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދަރިވަރުންނަށް ކިޔަވައިދިނުމަށް އެންމެ ފެންވަރު ރަނގަޅު ވެއްޓެއް ޤާއިމު ކޮށްދިނުމަށްޓަކައި، ރައީސް ޑރ. މުއިއްޒު ގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ސަރުކާރުގެ ހުރިހާ ސްކޫލުތަކެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް މި ދިރާސީ އާއަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން މި އަހަރު ތެރޭގައި މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފެއްޓުމަށްވެސް ތައުލީމީ ވުޒާރާއިން ވަނީ ނިންމާފައެވެ.




