މިއަދުން ފެށިގެން ކުރިޔަށް އޮތް ތިން ދުވަހު ރަށްރަށަށް ކާބޯތަކެތީގެ ބާވަތްތަކާއި ޒަރޫރީ ތަކެތި ގެންދިއުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެންޑީއެމްއޭއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައި ގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބުރޫ އަރާފައި ވާތީ ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިވެފައިވާތީ އެވެ.
އެންޑިއެމްއޭއިން ބުނީ، މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ އާ ހަމައަށް ކަނޑުދަތުރު ކުރެވޭ ވަރަށް މޫސުން ތަންދޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާކަމަށެވެ. އެހެންކަމުން މޫސުން ތަންދިން މި މުއްދަތުގައި ރަށްރަށުގެ ހާލަތު ބަލައި، ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށަށް ގެންދިޔުމަށް އިލްތިމާސްކުރާކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިދިޔަ ދުވަސްތަކުގައި ވަރަށް މޫސުން ގޯސްވިއެވެ. ވަކިން ޚާއްސަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވި އެވެ. ގިނަ ވަގުތުތަކުގައި އަތޮޅުތަކަށް މޫސުމާއި ބެހޭ އިދާރާއިން އޮންނަނީ އެލާޓް ނެރެފައެވެ. ބައެއް ފަހަރު އަތޮޅުތަކަށް އޮރެންޖް އެލާޓްވެސް ނެރެފައި ވެއެވެ. އިއްޔެވެސް ކ އަތޮޅު އަޮތީ އޮރެންޖް އެލާޓުގައި އޮތްއިރު، ހއ އިން ފެށިގެން މ އަތޮޅާއި ހަމަޔަށް ގިނ ވަގުތު އޮތީ ވައިޓް އެލާޓުގަ އެވެ. އެހެންނަމަވެސް މިއަދުގެ މިހާތަނަށް އެއްވެސް އެލާޓެއް ނެރެފައެއް ނެތެވެ.




