މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޝިއާރަކީ ”ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން“ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވަފިއެވެ.
އެކަން ރައީސް ޑރ މުއިއްޒު އިއުލާނު ކުރައްވާފައިވާކަން ހާމަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ދިޔަ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަސީރު އިބްރާހީމް ކަމަށް ދިވެހި ބަހާއި ތާރީހާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޒިންމާތަކުގެ ތެރެއިން ކުރިއަށް ގެންދާ ”ދިވެހި ގައުމިއްޔަތުގެ ހާއްސަ މަޝްރޫއު“ގެ މުހިންމު އެއް ބަޔަކީ ”އަމިއްލަވަންތަކަން“ ކަމަށެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ޝިޢާރު ގުޅިފައި ވަނީ ގައުމިއްޔަތުގެ އެ މުހިންމު ސިފައާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ސަރުކާރުން ވަނީ މިއަހަރު އެއް ހަފްތާގެ މުއްދަތަށް މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.
މިނިވަަން ދުވަސް ފާހަގަ ކުރުމުގެ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ
- މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވުން
- ދިދަ ނެގުމުގެ ރަސްމިއްޔާތު
- ރައީސް ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުން
- ހެވިކަމާއި ކުޅިވަރު
- ފުޅަނދުބުރު
- ކާނިވާ
- މިނިވަން ދުވަހުގެ ހާއްސަ ދުވުން
- ސާގާފީ ޝޯ އާއި ކާބޯތަކެތީގެ މައުރަޒު
- ކުޑަކުދީންގެ ހަވީރު
- ފިޔަވަތީގައި ތިބޭ ކުދީންނަށް ހާއްސަ ހަވީރު
- އިސްރަށްވެހީންގެ ބައްދަލުވުން
- ސްޓޭޖް ޝޯތައް ވެސް
މިއީ އެހެން އަހަރުތަކުގައި މިނިވަން ދުވަސް ފާހަގަކޮށްފައިވަނީ ހަމައެކަނި އެދުވަހާއި ޖެހިގެން އަންނަ ދުވަހުގައެވެ. އެހެންނަމަަވެސް މި ސަރުކާރުން މިވަނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާ އެއްހަފުތާގެ މުއްދަތަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.



