މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޝިޔާމު ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން މިދިޔަ އޭޕްރީލް 22 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ސަރުކާރުން ޖަމާކޮށްދީފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެންމެ ފަހުން އޭޕްރިލް މަހުގެ 22 ވަނަ ދުވަހު 22 މިލިއަން ރުފިޔާގެ ޕޭމެންޓަށް ދޫކުރިނަމަވެސް، އެޕްރީލް 23 އިން ފެށިގެން މިއަދާއި ހަމައަށްވާ ބިލުތަކަށް 62 މިލިއަން ރުފިޔާ ނުދެވި އެބައޮތް ކަމަށެވެ. ފައިސާ ނުދެއްކެނީ މިފްކޯއަށް ދިމާވެފައިވާ ހާލަތްކަން ބަޔާންކުރައްވައި މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވަރަށް އަވަހަށް ދޫކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މަސްވެރިން އަތުން މިފްކޯއިން ގަންނަ މަހަށް ފައިސާ ދެވެން އަންނަނީ މިފްކޯގެ ޚަރަދުތައް ކުޑަކޮށްގެންކަމަށާއި، ޚަރަދުތައް ކުޑަކުރެވޭނޭ ގޮތްތައް ބަލައި، އެކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަމުން އަންނަކަމަށް ވިދާޅުވި އެވެ. އެގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެކު ފިނޭންސް މިނިސްޓްރީން ވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
މަސްވެރިންގެ ބިލުތަކަށް ފައިސާ ނުދޭތާ އެއްމަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މަސްވެރިން އަތުން މިފްކޯއަށް ގަންނަ މަހަށް 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދެއްކުމަކީ މިސަރުކާރުގެ ވައުދެކެވެ. މަސްވެރިންނަށް ފައިސާ ނުދީގެން ، މަސްވެރިން އެންމެ ފަހުން ބޭއްވި އިހުތިޖާޖަށް ފަހު، އޭރު ދޭން ހުރި ބެކްލޮގް ޚަލާސްކުރުމަށް ފަހު، ފިޝަރީޒް މިނިސްޓަރު ޝިޔާމު ވިދާޅުވީ، ހަފުތާއެއްގެ ތެރޭގައި އެންމެ ލަސްވެގެން މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ގޮތެއް ހަމަޖައްސަވާނެކަމަށެވެ.




