ރާއްޖެއިން ދެ ބާވަތައްގެ ހުއިފިލަނޑާ ބޭރުކުރުން މަނާކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް މިއަދު އެމިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، ރާއްޖެއިން ބައިވެރިވެފައިވާ އދ ގެ މުއާހަދާ ކޮންވެންޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް) އަށް ރާއްޖޭއިން ބޭރު ކުރަމުން އަންނަ ދެބާވަތެއްގެ ހުއިފިލަނޑާ އިތުރުކުރެވިފައިވާ ކަމަށެވެ. އެދެ ބާވަތަކީ ކައްޗަލަ އަދި އަލަނާސި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ދެބާވާތް ބޭރުކުރުން މަނާކުރުމާއި ގުޅިގެން އެ ވިޔަފާރި ކުރާ މީހުންގެ ކަންބޮޑުވުންތައް އެބަހުރިކަން ފާހަގަކުރައްވައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ނިންމުމެއް ނިންމާއިރު ކަންބޮޑުވުން އެބަހުރި ކަމަށާއި، އިތުރު ވަގުތި ލިބޭތޯ ސަރުކާރުން މަސައްކަތްކުރިކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ރާއްޖެއިން ހުއިފިލަނޑާ ބޭރުކޮށްފައި ގިނައިން ހުރީ ބަލްކްކޮށްކަމުން ގޮތެއް ނިންމުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އަދި، ވިދާޅުވީ ބޭރުކުރި ހުއިފިލަނޑާގެ ތެރެއިން، ބާވަތްތައް ވަކިން އިނގެން ހުރީ އެއްހަރުގެ ޑޭޓާކަމަށްވުމާއެކު ގޮތެއް ނިންމުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިމަހުގެ 12 ވަނަ ދުވަހު ހުއިފިލަނޑާގެ ވިޔަފާރި ކުރާ ފަރާތްތަކާއި ބައްދަލުކޮށް އެމީހުންގެ ޝަކުވާތައް އަޑު އެހިކަމަށެވެ. އަދި މިކަމުގައި އެންމެ އެހީތެރިކަން ބޭނުންވަނީވެސް އެމީހުންގެ ފަރާތުންކަަމަށް ވިދާޅުވިއެވެ. އެގޮތުން ހުއިފިލަނޑާ ބޭރުކުރާ އިރު، ބާވަތްތައް އިނގޭހެން ކެޓެގަރައިޒްކޮށް އޭގެ ތަފާސް ހިސާބުތައް މިނިސްޓްރީއާއި ކަސްޓަމާއި ހިއްސާކުރަމުން ގެންދިއުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ރާއްޖެއިން ބައިވެއިވެފައިވާ މުއާހަދާއިން މި ދެބާވަތްތައް ރާއްޖެއިން އާލާ ކުރަނީ ދެމެހެއްޓެނިވި ގޮތެއްގައިތޯ ކަށަވަރުކުރަން ޖެހެއެވެ. އެކަން ކަށަވަރުކޮށްދެވިއްޖެނަމަ އެ ދެ ބާވަތް އަލުން ލިސްޓުން އުނިކުރުމުގެ ފުރުސަތު އޮވެއެވެ. އެހެންނަމަވެސް، މިވަގުތަށް ބަލާއިރު، އެކަން ކަށަވަރުނުވާތީ ރާއްޖެއަށް މިވަގުތަށް ކައްޗަލަ އަދި އަލަނާސި ބޭރުކުރުން މަނާކުރަން ޖެހެއެވެ.
ކޮންވެންޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް) ގެ ޖަދުވަލު 2އަށް ރާއްޖެއިން އިތުރު ކުރި ހުއި ފިލަނޑާގެ ދެބާވަތްކަމަށް ވާ ކައްޗަލައައި އަލަނާސި ބޭރުކުރުން މަނާ ވާނީ ކުރިއަށް އޮތް ޖޫން އެއްވަނަ ދުވަހުން ފެށިގެންނެވެ. މިގޮތަށް އަމަލުކުރަން ފެށުމުން މިދެ ބާވަތް ނުހިފާކަންވެސް ސަރުކާރުން ކަށަވަރުކޮށްދޭން ޖެހެއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީންނާއި އެމްއާރްސީން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.




